އަހަރެމެން ހުރިހާ އިންސާނުންވެސް ޚަލްޤުކޮށް މިދުނީޔޭގެ ބިމަށް ފޮނުއްވި އެންމެ މަތިވެރިވަންތަ އިލާހަކީ ﷲ ސުބުޙާނަހޫވަތަޢާލާއެވެ. މިބިމުގައި އަހަރެމެން އުޅެންޖެހޭ ރިވެތި ގޮތްތަކާއި އުސޫލުތައް އެތައް ރަސޫލުންނަކާއި ނަބިއްޔުންނެއް މެދުވެރިކޮށް އެކި އެކި އުންމަތްތަކަށް އެކަލާނގެ އުގަންނަވައިދެއްވިއެވެ. ކެތްތެރިކަމުގެ އެތަކެއް އިމްތިޙާންތަކެއް ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އަހަރެމެންނަށް ފެނަން އެބަހުއްޓެވެ. މުސީބާތުގެ ވަޤުތުގައި ކެތްތެރިވުމަށާއި ތަޢުބާވެ ފާފަފުއްސަވައި ދެއްވުމަށް އެެދި ދެންނެވުމަށް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން އަހެރެމެން އިންސާނުންނަށް ﷲ އެވަނީ އަންގަވާފައެވެ.
މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިމިވާ ހާލަތަކީ އިމްތިޙާނެއްތޯ ނުވަތަ މުސީބާތެއްތޯ އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫވަތަޢާލާއެވެ.އަހަރެމެން އިންސާނުންނަށް އޮތީ ކެތްތެރިކަމާއެކު އެކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ . ކީރިތި ޤުރުއާނުގައި އެކަލާންގެ ވަޙީ ކުރައްވަނީ:
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا - 71:10
"ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ."
އެހެންކަމުން މާތް ﷲގެ މި ވަޙީ ބަސްފުޅަށް އިތުބާރުކޮށް އަހަރެމެން ހިތުގައި ޢަޒުމް ކަނޑައަޅަންވީ އަހަރެމެން މުސްލިމުންނަކީ ގިނަގިނައިން ތަޢުބާވެ ފާފަފުއްސެވުމަށް އެދިދަންވާ މުސްލިމް އަޅުންތަކަކަށްވުމަށެވެ. އިސްތިޣްފާުކުރުންމަތީ ދެމިހުންނަ މުޢުމިން އަޅަކަށް ޢަޛާބު ނުދެއްވާނެކަން އެކަލާންގެވަނީ އަންގަވާފައެވެ.
وَمَا كَانَ اللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ اللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ - 8:33
"އަދި ކަލޭގެފާނު އެއުރެންގެ މެދުގައި ހުންނަވަނިކޮށް، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. އަދި އެއުރެން استغفار ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ."
މި ވަޙީ ބަސްފުޅާމެދު އަޅުގަނޑުމެން ހިތުގައި ޔަޤީންކަން ބާއްވައި މިއަދުން ފެށިގެން އިސްތިޣްފާރުކުރުން ގިނަކުރަމާތޯއެވެ. ފަރުޟު ފަސްނަމާދު އޭގެވަޤުތުގައި އަދާކޮށް އެކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވެ، އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުންތަކުންގެ ތެރެއިންވުމަށް މަސައްކަތްކުރަމާހިނގާށެވެ. މި ރަމަޟާންމަހުގެ ކުރިޔަށް އޮތް ދުވަސްތައް ހެޔޮގޮތުގައި ވޭތުކުރުމަށް އާ ޢަޒުމަކާއެކު މަސައްކަތްފަށަމާ ހިންގާށެވެ . ﷲ ގެ ތަނަވަސް ރަޙްމަތަށް އުންމީދުކޮށް ގިނަގިނައިން އިސްތިޣްފާރުކޮށް، ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ. ދުޢާއަކީ މިހާލަތުން އަރައިގަނެ މި ބަލިމަޑުކަމުން ދުނިޔެއާއި ރާއްޖެ ސަލާމަތްކޮށްދެއްވުމެވެ.




