ނޯޓް: މިއީ ދިވެހި ތާރީޚުގައި، ޚާއްސަކޮށް އުތުރުގެ ރަށްރަށަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ހާދިސާ އެވެ. މިވާހަކައަކީ ހދ.ކޭލަކުނު ތަޅާލި ވިއްސާރައިގެ މައްޗައްބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވައްސާރަ ލައިގަތްކަމަށް ބުނަނީ މީލާދީގޮތުން 1820 ގައެވެ.
*****
ފަތިހު ފުރަތަމަ ގޮވާލި ހާލާއެކު އަލިކަތީބަށް ހޭލެވުނެވެ. ތެދުވެ ބޮޑު އަށިން ތިރިއަށް ދެފައި އެލުވާލައިގެން އިރުކޮޅަކު އިނެވެ. އެތެރެ ގޭތެރެއާއި ފެންޑާއަށް އަލިވާނެހެން ދިއްލާފައިވާ ފުޅި ބައްތީގެ އޮރެންޖް އަލި މުޅި ހިސާބަށް ފެތުރިފައި އޮތެވެ. ތަކުރާރުކޮށް ދެތިން ހަތަރު ފަހަރު އާފުރިލުމަށްފަހު އަލިކަތީބު ބިންމައްޗަށް ފައިބައިފިއެވެ. ގެއިން ނިކުންނަން ދިޔައިރު ފައިދަށުގައި އޮތް ކަށިވެލިތައް މުރުމުރުލާ އަޑު ހިމޭންކަން ނަގައިލިއެވެ. ދަނޑިފަނުން ހަދާފައިވާ ދޮރުފަތް ދަމާލައިފައި އޮޅިގިރާކޮށް ފުރަތަމަ ފިޔަވަޅު ނެގިއެވެ. އެވަގުތު ދާދި ގާތުން އިތުރު ހާލެއް ގޮވައިލިއެވެ. އުޑާއި ދިމާއަށް ނަޒަރު ހިންގައިލިއިރު ހަނދު އަރާ ހުރީ މެދުގައެވެ. ފަތިހުގެ ފިނި ރޯޅިތައް އައިސް ހާމައޮތް މޭމަތީގައި ފިރުމާލުމުން ހީކަރުވައިގަތެވެ. ގުދުވެލައިފައި މުންޑުގެ ދެފަރާތު ކަންގަނޑުގައި ހިފާ ނަގައި އަރުވާ ޖަހައިލިއެވެ.
ގިފިލި ހުރީ ގެއާއި ދޮޅަހަކަށް ފޫޓު ދުރުގައެވެ. ގޯތިތެރޭ ހެދިފައިވާ ގަސްތަކުގެ ތެރެއިން ކޮކާ ހަނދުވަރު ބިމަށް ދީފައި އޮތެވެ. އަލިކަތީބު ހެޔޮއެއްޗެއް ކިޔައި މެއަށް ފުމެލާފައި ގޮސް ގިފިއްޔަށް ވަދެ ދޮރުފަތް ޖަހައިފިއެވެ. ތާހިރުވެގެން އައިސް ވަންއިރު ފެންޑާގެ އެއްކޮޅުގައި ފަތްޖެހި އެނދުގައި ދިގު އަހަންމަދު ތެދުވެ އިނެވެ. ދިގު އަހަންމަދަކީ އަލިކަތީބު ބަލައި ބޮޑުކުރި ސޮރެކެވެ. އެސޮރުގެ އުމުރުން ހަ އަހަރުގައި މައިމީހާ މަރުވުމުން ގެއަށް ގެނައީ އެވެ.
އަހަންމަދު ބޭރަށް ނިކުތުމުން އަލިކަތީބު ގޮސް އެތެރެ ގޭތެރެއާއި ފެންޑާ ހުރަހަކަށް ހުރި ފޮތިގަނޑު ހިއްލާލިއެވެ. ކުޑަ ކަނބުލޮ އަތްދަނޑިމަތީ ބާއްވައިގެން ދޮންދަލޭކަ އޮތީ ރޯނު ފުރި އެނދުގައި ސާންތިއެއް އަޅައިގެންނެވެ. އޭގެ އަނެއްފަރާތުގައި ހުރި އެނދުގައި ޒުވާން އަންހެން ދަރިފުޅު ފާތުމަ އޮތެވެ. ތިންމައިން ވެސް ތިބީ މަދިރިގެ ވައްޓާލައިގެން އޭގެ އެތެރޭގަ އެވެ.
އަލިކަތީބު ވަދެ މަދިރިގެ ހިއްލާފައި ދޮންދަލޭކަގެ އަތުގައި ކޮށްޓާލިހެނެއް ހިއެއްނުވެ ހޭލައިފި އެވެ. ދަލޭކައަކީ ނިދި މަޑު މީހެކެވެ.
"ދަލޭކާ ތެދުވެބަލަ. މިހާރު އެހެރަ ގެން ފަތިސް ވަގުތުވަނީ. އަހަރެން މިދަނީ މިސްކިތްދޮށަށް." އަލިކަތީބު ވާހަކަދެއްކިއެވެ.
ދޮންދަލޭކަ ތެދުވެ އިށީންދެފައި ބޯޖެހިއެވެ. ފިރިމީހާ ނިކުމެގެން ދިއުމުން ދަލޭކަ ފައިބައިގެން ގޮސް ހުއްޓުނީ ފާތުމަ އޮތް އެނދު ކައިރިއަށެވެ. މަދިރިގެ ހިއްލާލައިފައި ފާތުމަގެ ކޮނޑުގައި ހިފާ ތަޅުވާ ހެދުމުން ހޭލައިފި އެވެ.
ފަތިސް ނަމާދުކޮށް ކިޔަވާލައިގެން ގެއަށް އާދެވުނުއިރު ބިންގަނޑު އަލިވާން ފަށައިފި އެވެ. އޭރު ރަށު ތެރެއިން މަދުމަދުން މީހުން ފެނެއެވެ. ގޭގެ ފޫޓުން އެތެރެ ވީއިރު ދަލޭކަ އޮތީ އިލޮށިފަތި ހިފައިގެން ނިކުމެ ކުނިކަހާށެވެ. ކަތީބު ފެނުނުހާއިރުން ތެދުވެ ހިންދެމިލައިފި އެވެ. އެއަށްފަހު ދެމަފިރިން އެތެރެއަށް ވަދެގެން ދިޔައީ އެކުއެކީގައެވެ.
ގެއާއި ބަދިގެއާއި ދެމެދު ހަދާފައިވާ އޮށި އަށިގަނޑުގައި އަލިކަތީބު ބައިންދާފައި ދަލޭކަ ވަނީ ބަދިގެއަށެވެ. އިރުކޮޅަކުން ލޯ ތައްޓެއްގައި ކަޅުސަޔާއި ކެޔޮފަތް ގަނޑަކަށް ލައިފައި އޮތް ބޯކިބާ ބުރިއެއް ހިފައިގެން އަތުވެއްޖެ އެވެ.
"އިއްޔެ ހެދި ގަބުޅި ބޯކިބާ އަދިވެސް ހުސްނުވަނީތަ ދަލޭކާ؟" ކަތީބު ފަތްގަނޑުގައި ހިފާފައި އަންހެނުންގެ މޫނަށް ބަލައިލި އެވެ.
ދަލޭކަ ބޯޖަހައިލި އެވެ. ކަތީބު ސައިތަށީގައި ހިފުމުން ދަލޭކަ ގޮވައިލީ ފާތުމަ އަށެވެ. ފާތުމަ އޭރު ގެއިން ނިކުމެގެން އެދިމާއަށް އާދެއެވެ.
"އައްޕައަށް ފެންތައްޓެއް ގެނެސްދީބަލަ!" ދަލޭކަ އެދުނެވެ.
ފާތުމަ ބޯޖަހާލައިފައި ބަދިގެ އޮޅިގަނޑު ގިރާކޮށް ވަނެވެ. ފެން ރުނބާ ހުރީ ތިރިކޮށް ހުރި ދެފައި ގޮނޑިއެއްގެ މަތީގައި ބަހައްޓާފައެވެ. ފެން ނަގާ އުދުޅި އޮތީ ރުނބާގެ މަތީގައި ޖަހާފައިވާ ލޯ ތަށިގަނޑުގެ މަތީގައެވެ. ފާތުމަ އުނދުޅި ފުރާ ރުނބާއިން ފެންނަގައި އިތުރު ތައްޓަކަށް އަޅައިގެން ނިކުމެއްޖެއެވެ. ގޮސް ކައިރިވީއިރު އަލިކަތީބު ދައްކަމުން ދިޔައީ އެންމެ ގާތް މިތުރު މޫސާދީ އެރަށަށް އަންނަ ވާހަކައެވެ.
"އަހަރެން ވެއްޖެ އަހަންމަދު ފޮނުވާފަ ވަލަށް ކާށި ކޮޅެއް ހޮވަން. އައީމަ ބުނާނަން އަހަރެން ދަރި ކަތްދަގެ ގެއިން ފަތްޖަހާ އެނދެއް ގެންނަން. އޭރުން ފެންޑާގައި އޮތް ހުސްތަނުގައި ބެހެއްޓީމަ މޫސާދީއަށް ނިދޭނެ." ދަލޭކަ ވާހަކަދައްކަމުން ދިޔައެވެ.
އަލިކަތީބު ބޯޖަހާލަ ޖަހާލާ އިނދެގެން ބޯކިބާ ބުރި ހުސްކޮށްފައި ސައިތަށި ދަމާލައިފިއެވެ. އެއަށްފަހު ފެންތަށި ނެގިތަން ދެކެފައި ދަލޭކަ ދެން އެދުނީ ދުފާ މަޑިސީލަ ގެނެސްދިނުމަށެވެ. ފާތުމައަށްވުރެ ކުރިން ހަ އަހަރުގެ ކުޑަ ކަނބުލޮއަށް އެއަޑު އިވިގެން ދުވެފައި އެތެރެއަށް ވަނެވެ.
ގަދައަށް ދުފައި އަނގަ ރަތްކޮށްގެން އަލިކަތީބު މިސްރާބު ޖެހީ އަތިރިމައްޗަށް ދާށެވެ. މަގުގެ ވަކި ހިސާބަކުން މުދިންބެއާއި ދިމާވިއެވެ. މުދިންބެ ވެސް ބަހައްޓާފައި ހުރީ އަތިރިމައްޗަށެވެ. ދެމީހުން އަނގަ ތަޅަމުން ގޮސް ގޮނޑު ދޮށަށް ފޭބިއިރު މޫސާދީގެ ރިޔާދޯނި ފެންނަން ހުރީ ދާދި ކައިރީގައެވެ. ދެއަތް ފުރަގަހަށް ލައިގެން އަލިކަތީބު ގޮސް ހުއްޓުނީ އަވީގައެވެ. ތަންކޮޅެއް ދުރުގައި ބަރަވެލި ހޮވަން ފުޅިބުރިއެއް ހިފައިގެން ޅަފުރާގެ ކުއްޖަކު އުޅެއެވެ.
ޖެހެމުންދިޔަ ވައިގައި ރިޔާދޯނި އައިސް ބޭރުގައި އަޅައިލިއެވެ. އެންމެ ކައިރީގައި އޮތް ބޮއްކުރައިގައި ފަލި ޖަހާފައި އައިސް ރާޅާއެކު ބީއްސާލީ ގޮނޑު ދޮށަށެވެ. ނަގާޖަހާފައި ހުރި މުންޑާއެކު މޫސާދީ ފުންމައިލީ ކަކޫތާ ފެނަށެވެ. ބޮއްކުރާގައި ހުރި މުދާތައް ބާލަން ކަތީބުވެސް އެހީވިއެވެ. ދަލޭކަ ފޮނުވައިގެން ދިގު އަހަންމަދު އައީ އެމަސައްކަތުގައި އުޅެނިކޮށެވެ.
ދިގު އިސްކޮޅާއި އެއްވަރަށް އަހަންމަދުގެ ހަށިގަނޑުވެސް ފުޅަލެވެ. މީހާ ހުންނަނީ ވަރުގަދަކޮށެވެ. ފަޅުވެރި ސޮރު ބޮއްކުރާ އަނބުރާ ބޭރުގައި އަޅަން ދިއުމުން މޫސާދީއާއި ކަތީބު، ދެވެރިން ގެއާއި ދިމާއަށް ބަހައްޓައިފިއެވެ. ކަތީބުގެ އަތުގައި އޮތީ ކުރުނބާ އިހަލެކެވެ. މޫސާ ދީ ހުރީ މާކަށިކެޔޮގަނޑެއް ހިފައިގެންނެވެ. އެންމެ ކުރީގައި އަހަންމަދު ހުރީ ބަނބުކެޔޮ ގޯންޏަކާއި ވެދުން ގޮށްޓެއް ހިފައިގެންނެވެ.
ތިން ފިރިހެނުން ފޫޓު ތެރެއަށް ވަންތަން ދެކެފައި ކުޑަ ކަނބުލޮ ދުވަމުން އައެވެ. ފާތުމަ ބަދިގެއިން ނިކުތީ ހުސް ބަނޑިޔާ ހިފައިގެންނެވެ. ބައްޕަމެން ފެނިގެން އަމައަށް ގޮވައި ސަމާލުކަމަށް ގެނުވިއެވެ. ބޭރަށް ދިއުން ފަސްކޮށްލައިފައި ފާތުމަ އައީ އަށިމަތީ ހުރި އެއްޗެހި ނަގައި ތަން ހުސް ކުރާށެވެ. ސިކުންތުކޮޅެއް ތެރޭ ދަލޭކަ ހަރުކޮށް ނިކުމެއްޖެއެވެ.
"ދަލޭކާ! އަން މިއޮތީ އަހަރެން އަންހެނުން މަރިޔަނބު ދަލޭކައަށް ދިން އެއްޗެއް." މޫސާ ދީ އަހަންމަދު އަތުން ވެދުންގޮށި އަތުލާފައި ދިއްކޮށްލިއެވެ.
ދަލޭކަ ހުރިހާ ދަތެއް އެކީ ދައްކާލަމުން އޭގައި ހިފާ ޝުކުރު އަދާކުރިއެވެ. ދެން އެބަ އަންނަމޭ ބުނެ ބަދިގެއަށް ވަދެއްޖެއެވެ. މުދާތައް އެތެރެއަށް ވައްދަން އަހަންމަދާއި ހަވާލުކޮށްފައި ކަތީބުވެސް ޖައްސައިލީ އެކުވެރިޔާގެ ކައިރީގައެވެ.
"މޫސާދީ! އަނބިދަރިން ވެސް ގޮވައިގެން އައިނަމައެއްނު ފަޅުފިލީހީ. މިފަހަރު ޢީދުގައި ވަރަށް ކަންތައް ހުންނާނެ މިރަށުގަ ވެސް." ކަތީބު ވާހަކަދެއްކިއެވެ.
"މަރިޔަނބު ފައެއްގަ ރިއްސާތީ ނުގެނެވުނީ. އެކަމަކު ކުދިން ތިބީ އަންނަހިތުން. ދެން އަންނަ ޢީދަކުން އިރާދަކުރެއްވިއްޔާ ގެންނާނަން." މޫސާދީ ނިތުން ދާ ފުހެލަމުން ޖަވާބުދިނެވެ.
ދަލޭކަ ބަދިގެއިން ނިކުތީ ކައްކާފައި ހުރި ކަށިކެޔޮފަނި ދެތައްޓަށް އަޅައިގެން އެހިފައިގެންނެވެ. ދެތަށި ދެފިރިހެނުންނަށް ދީފައި ކައިރީގައި ކޮޅަށް ހުއްޓުނެވެ. ކުޑަކަނބުލޮ ކަތީބުގެ ތަށި އަތުލަން އުޅުމުން އެކުއްޖާ ގެނެސް ކުޅެން ފޮނުވައިލީ ދުރުގައި އޮތް ވެލިގަނޑަށެވެ. ކުޑަ ކަނބުލޮ ބޮޑާ ހާކައިލައިފައި ވެސް ދިޔައެވެ. ގޭގައި ބީރަތްޓެއްސަކު އިނުމުން ރޯކަށް ނުކެރުނެވެ.
"އަންމާ އަހަރެން މިދަނީ ފެން ހިފައިގެން އަންނަން." ފާތުމަ އެހުރިހާއިރު ދުރުގައި ހުރެފައި ބަނޑިޔާ ނެގިއެވެ.
ދަލޭކަ ބޯޖަހައިލުމުން ފާތުމަ ނިކުތެވެ. ބަނޑި ލައްވަމުން ބޮޑު މަގު ހުރި ގޮތަށް ފައިބައިގެން ދިޔައިރު އަޅައިނުގަންނަ ލޮލެއް ނެތެވެ.
ފާތުމައަކީ މުޅި ކޭލަކުނުންވެސް ހޮވާލެވޭ ޖިންސުއްލަތީފެކެވެ. ޤުދުރަތުން ދެއްވާފައިވާ ރީތިކަމަށް އަބަދުމެ ސަނާ ކިޔެމުން ދެއެވެ. އުނަގަނޑަށްވުރެ ތިރިއަށް ދެމިފައިވާ އިސްތަށިގަނޑަށް ކަޅު އަނދިރި ރޭގަނޑުން މިސާލު ޖަހައެވެ. ރަތް ލޭކޮޅެއް ފަދަ ތުންފަތެވެ. ވިދަވިދާ ހުންނަ ކަޅު ލޮލެވެ. ހަންއޮމާން ކަމާއި މޫނުގެ ރީތިކަމެވެ. އެހެރަ ހިނގައިލާ ފަރި ހިނގުމާއި ހިމަތޮޅި ހަށިގަނޑެވެ. ވަނާތަކުގެ ފުރިހަމަ ކަމެވެ. ކުރުކޮށް ބުނާނަމަ ފަތްމިންޏެކެވެ.
***
އަލިކަތީބުމެން ދެމީހުން ކަށިކެޔޮފަނި ބޮއެފައި ހުސް ތަށި ދިނުމުން އެހިފައިގެން ދަލޭކަ ހިނގައިގަތެވެ. ފަން ބަދިގޭގެ ދޮރުން އެއްފަރާތްވާ ހިސާބުގައި ތެލިގަނޑެއް ބަހައްޓާފައި ހުއްޓެވެ. ދަލޭކަ އުޑަފައިން އިށީންދެލީ އެތެލި ދޮށުގަ އެވެ. ފެން ނެގުމަށްޓަކައި އޮމާން ކޮށްފައިވާ ނާށްޓެއް، އޭގެ އެތެރެއަށް ލައިފައި އޮތެވެ. ދަލޭކަ ނާށިން ފެން ނަގައިގެން ދެތަށި ދޮވެފައި ބަދިގެއަށް ވަނެވެ.
ދެވެރިންނަށް ފެން ގެންދަން ވެގެން ބެލިއިރު ބޮޑު ތެއްޔެއް ފުރާ ބޯ ފެން ހުއްޓެވެ. ދަލޭކަގެ ހިތުގައި ސުވާލު އުފެދުނެވެ. ބަނޑިޔަލުގައި އެހުރިހާ ފެން ހުއްޓާ އެހުސްކޮށްގެން އެވަރަކުން ފާތުމަ އެދިޔައީ ކީއްވެ ހެއްޔެވެ؟
މިސްކިތާއި ގާތްވެގެން އައިއިރު ފާތުމަގެ ލޯ ހުރީ އުތުރު ކޮޅަށެވެ. ބޯ ގަސްތައް ހެދިފައިވާ ދިމާލުން ނިކުމެވެން ހިމަ މަގެއް އޮތެވެ. ފާތުމަ އިންތިޒާރު ކުރަމުން ދިޔައީ އާދައިގެ މަތިން އެގަޑީގައި އެމަގުން އަންނަ ޒުވާނާ އަށެވެ. އެއީ ރާވެރިބޭގެ ހުރިހަމައެކަނި ދަރިފުޅު ކާސިންކަލޯ އެވެ.
ވަށައިގެން ހިރިގާ ޖައްސާފައިވާ ފެންވަޅުގެ ކައިރީގައި އޮތް ފަތެއްގެ މަތީ ފާތުމަ ބަނޑިޔާ ބެހެއްޓި އެވެ. ފުރަތަމަ ދާނި ވަޅަށް ގަންބާލުމުގެ ކުރިން ފެންމަތީގައި ތަޅައިލި އެވެ. ކުޑައިރު މަންމަގެ ފަސްބައިގައި ހިފައިގެން އައިއިރު މަންމަވެސް ކަންތައް ކުރީ އެގޮތަށެވެ. އެހެން ހެދުމުން ފެންމަތީ ހަރުލާފައި ހުންނަ ކުނިތައް ދާނެ ކަމުގައި މަންމަ ބުނެ އެވެ.
ބަނޑިޔަލަށް ފެންއަޅާ ފުރާލުމަށްފަހު ދާނި ބާއްވައިފައި ފާތުމަ އެނބުރުނީ އަނެއްކާ ވެސް ކާސިންކަލޯ ފެނޭތޯ އެވެ. އިސާހިތަކު މާޔޫސްކަން ހިތަށް ވެރިވެގަތެވެ. ކާސިންކަލޯ މިއަދު ރުއް އަރަން ނުދަނީ ބާވައޭ ހިތަށް އެރި އެވެ. އަނެއްކާ ކާސިންކަލޯ ބަލިވީ ހެއްޔެވެ؟ އެހިޔާލުން ފާތުމަގެ މޭގަނޑު ރޫރޫ އަޅައިގަތެވެ.
އިތުރަށް ދެތިން މިނިޓެއްހާއިރު ފާތުމަ މަޑުކުރި އެވެ. ކާސިންކަލޯ ނާންނާނެކަން ޔަޤީންވުމުން އެންމެފަހުން ދާން ނިންމި އެވެ. ތެމިފައިވާ އެސްފިޔަތަކާއެކު ބަނޑިޔާ ނަގައި ބޮލަށް ލައިގެން ހިނގައިގެންފި އެވެ. ތަންކޮޅަކަށް ދެވުނު ފަހުން ވަލުތެރެއިން ފަތް ހިރޭ އަޑު އިވިއްޖެ އެވެ. ބޭއިޚުތިޔާރުގައި ފާތުމަގެ ނަޒަރު އެދިމާއަށް ދަތުރު ކޮށްލި އެވެ.
ރާބަނދިތައް އެލުވާފައިވާ ދަރުބުރި ކޮނޑަށް ލައިގެން ކާސިންކަލޯ އެހެރަ އަންނަނީ އެވެ. އަނދެފައިވާ ބާ މުންޑު ހުރީ ކަކުލަށްވުރެ އިންޗިއެއްހާ ތަން ތިރިއަށެވެ. ބޮލުގައި ކުލަ ވެއްޓިފައިވާ ފޮށައެކެވެ. އަތުގެ މުލައްދަނޑިއާއި ކޮނޑާއި ދެމެދު އައްސާފައިވާ ބަޑިއެއް އޮތެވެ. ހެއުވަރުގެ އިސްކޮޅާއި ފަތި ހަށިގަނޑެކެވެ. މޭމަތީގައި ތުނިކޮށް ފަޅާފައިވާ އިސްތަށިތަކުން ފިރިހެންވަންތަކަން އިތުރުވެފައި ވެއެވެ.
ކާސިންކަލޯ ފެނިގެން ފާތުމަގެ ދެފައި ތަތްވީ ބިމުގަ އެވެ. ބޮލުގައި ފެން ބަނޑިޔަލެއް ހުރިކަން ހަނދާން ނެތިއްޖެ އެވެ. އަތް ދޫކޮށްލުމުގެ ނަތީޖާއަކަށް ވީ ބަނޑިޔާ އަރި އަޅައިލުމެވެ. ފާތުމައަށް އިހްސާސްވެގެން ހިފަހައްޓަން އުޅެވުނު އިރު މާލަސްވެއްޖެ އެވެ. ބަނޑިޔާ ވެއްޓި އަރިއަކަށް ޖެހުނު ގޮތުން އޭގައި ހުރި ހުރިހާ ފެނެއް ބިންމަތީ ކޯރު ދަމާލައިފި އެވެ.
"އަހަ! ކިހިނެތް ތިހެދީ؟" ކާސިންކަލޯ އައިސް ކުރިމައްޗަށް އަރާފައި އެހި އެވެ. ހިތްއެދޭ މީހާ އެހާ ގާތުން ފެނުމުން ފާތުމަ ހުރީ ގަނޑުވެފަ އެވެ. އެކޯތާފަތް ރަތްވަމުން އައެވެ.
ފާތުމަ އަނގައިން ނުބުނެވިފައި ހުއްޓާ ކާސިން ކަލޯ އެމޫނަށް ބަލާލައިފައި ގުދުވި އެވެ. ދެން ހިންދެމިލީ ބަނޑިޔާ ހިފައިގެންނެވެ. ދެކޮޅު ހޯދާލުމަށްފަހު އެހިފައިގެން އެއްފަރާތަކަށް ދިޔަ އެވެ. ވަޅުން ފެންނަގާ އަޑު އިވިގެން ފާތުމަ އެނބުރުނެވެ. ކާސިންކަލޯ ރާ ބަނދިތައް އެލުވާފައިވާ ދަރުބުރި ގަހެއްގައި އަޅުވާލައިފައި ބަނޑިޔަލަށް ފެންފުރަނީ އެވެ. އެނބުރި އައީ ބަނޑިޔާ ފުރާލައިގެންނެވެ.
ފާތުމަ ހުރީ ރަކިވެފަ އެވެ. ކާސިންކަލޯ ބަނޑިޔާ ދިއްކޮށްލީ ނަޒަރު ވަކިކޮށް ނުލަ އެވެ. ފާތުމަ އަވަހަށް އޭގައި ހިފައި ކިހިލީގައި ޖަހައިލި އެވެ.
"ދަނީ." އިސްޖަހައިގެން ހުއްޓާ ކާސިންކަލޯ ބުނި އަޑު އިވުނެވެ.
ފާތުމަ ބޯޖަހައިލި އެވެ. އޭނާ އިސްއުފުލައިލީ ކާސިންކަލޯ ފަސްދީފައި ހިނގައިގަތީމަ އެވެ. އިސާހިތަކު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައެވެ.
(ނުނިމޭ)
10 Responses
Kokaa han’dhuvaru. Not kokaa avi
Sifa koh dhemun dhiya iru ba eh thanthaa haalathaa nugulhey gothah sifa kurevifa eba huri.misaalakah fathihu furathama govaali haala eku thedhuve gifiyyah vain iru kokkaa avi huri kamah othumakee aanmu usoolun kan higaa githeh noon
Kokaa han’dhuvarNot koka avi..n
Great premise
މިވާހަކަ ރީތި، އެކަމަކު ސިފަކޮށްދިނުން ދަށީ.. އެބައި ރަނގަޅުކޮށްލާނެކަމަށް ހީކުރަން
މަވެސް ކާސިންކަލޯއަށް ވީނަމަ
ބޮޑު ވިއްސާރައިގެ އެއްވެސް ވާހަކައެއް އައިސްފައެއް ނެތް. ފުރަތަމަ ބައިގަ ވާހަކައެއްގެ ސިފަ ހުއްޓަސް 2 ވަނަ ބަޔާ ހަމަޔަށް ދާއިރު ވާހަކައިގެ އަސްލާ ހަމަޔަށް ކޮންމެސް ވަރަކަށް ވާސިލް ވާންވާނެ
ވާހަކައިގެ ދެވަނަ ބައި އަންނަ އަންގާރަ ދުވަހު ޝާއިއު ކުރެވޭނެ. އިންތިޒާރުކޮށްލައްވާ..
Salhi aneh bai othee konirakun
Varah rythi vaahaka ehhen hyvani. Dhevana bayah inthizaaru kuraanan