ތާޅަފިލި ފުމެލައްވަން އިސްރާފީލްގެފާނު އެހުންނެވީ ތައްޔާރަށް، ބާކީ އޮތީ ކުޑަ ވަގުތުކޮޅެއް!

ވިސްނާލައްވާށެވެ. އަހަރެމެން ދުނިޔޭގައި މިއުޅެނީ ކިހާކުޑަ ވަގުތުކޮޅަކުތޯއެވެ. ދުނިޔޭގެ ވަގުތީ އަރާމައި ލައްޒަތް ހޯދަން ހުރިހާ އިންސާނުން ކެނޑިނޭޅި މަސައްކަތްކުރަމުންދާއިރު ޤިޔާމަތްވުމުގެ ވަގުތު އެއަންނަނީ ކުޑަތަންވަމުންނެވެ. ޙިސާބު ބެއްލެވުމުގެ ވަގުތު އެއަންނަނީ ކައިރިވަމުންނެވެ. ޝައްކެތްވެސް ނެތް ގޮތުގައި އެއީ ޔާޤީންކަމާއެކު އަހަރެމެންނާ ބައްދަލުކުރާނެ ދުވަހަކެވެ.

ޤުރުއާނުގައި މާތް ﷲ ވަހީކުރައްވަނީ: الْحَاقَّةُ - (69:1)

"ކަށަވަރުވެގެންވާ قيامة ދުވަހެވެ."
އެހެންކަމުން އެދުވަސް ހަނދުމަކުރުމަށްޓަކައި އަހަރެމެންގެ ޣާފިލްވެފައިވާ ހިތްތައް މިއަދު ހޭލަންވެއްޖެއެވެ. ތަފްޘީރް އިބުނު ކަޘީރުގައިވާ ހަދީޘެއްގައިވަނީ
"ތިމަންކަލޭގެފާނު ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވާނީ ކިހިނެތްތޯއެވެ؟ ތާޅަފިލި ފުމެލައްވަން އެކަމަށް ކަނޑައެޅިފައިވާ މަލާއިކަތާ އެހުންނެވީ ތާޅަފިލި އަނގަފުޅާ ހިސާބަށް ނަންގަވައިގެން އެކަމަށް ތައްޔާރުވެ، ﷲގެ އަމުރުފުޅަށް ކަނުލާ އަޑުއައްސަވާށެވެ."
އާދެ އެ އަމުރުފުޅުގެ އިންތިޒާރުގައެވެ. މާތްﷲ އެކަމަށް ޢަމުރުކުރެއްވުމުން ދެން އެންމެ ސިކުންތެއްވެސް އެކަމެއް ލަހެއް ނުވާނެއެވެ. އަހަރެމެންނަށް އާޚިރަތުގެ ހަޔާތް އާރާސްތުކުރުމަށް ލިބިފައި މިވަނީ ކިހާ ކުޑަ ކުޑަ ވަގުތުކޮޅެއްކަން ހިތަށް ގެންނަވާށެވެ. މާތް ﷲގެ އަމުރުފުޅާއެކު އިސްރާފީލްގެފާނު ތާޅަފިލި ފުމެލައްވާނެއެވެ.
މިޔަޤީންކަން ޤުރުއާނުގައި އެވަނީއެވެ. فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ - 69:13

"ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ."

ތާޅަފިލީގެ އަޑާއެކު ބިމާއި އުޑުގައިވާ ހުރިހާ އެއްޗެއް ނެތިފަނާވެގެން ދާނެއެވެ. ހުރިހާ އާރަކާއި ބާރެއްހުރި ކަމަށް ދަޢުވާކުރާ އިންސާނުން މަސްތުވެފައިވާ ބައެއް ފަދައިން ވެގެންދާނެއެވެ. އުޑު ފަޅަފަޅައިގެންގޮސް ކަނޑުތައް ކެކިއަރައިގެންދާނެއެވެ. އަދި ޝައިތާނުންތައް ބިރުންފިލަން ދުއްވައިގަންނާނެއެވެ. ފަރުބަދަތައް ފުނޑުވެ ވިއްސިވިހާލިވެގެންދާނެއެވެ. މިކަން ބަޔާންކުރައްވާ ﷲ ވަހީކުރައްވަނީ

وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً - 69:14

"އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ."

އެއީ ބިރުވެރި ނާމާން ދުވަހެކެވެ. އެބިރުވެރިކަމުގެ ސަބަބުން މާބަނޑުމީހާގެ ބަނޑުގައިވާ ދަރި ބައިގެންދާނެއެވެ. އަދި ތުއްތުކުއްޖާގެ ބޮލުގައިވާ އިސްތަށިގަނޑު ނުރަވެގެންދާނެއެވެ. ދުވަހުގެ ބިރުވެރިކަން ހިތަށްގެންނަވާށެވެ. މިއީ ފުރަތަމަ ފުމެއްލެއްވުމެވެ. ބިމާ އުޑުގައިވާ ހުރިހާއެއްޗެއް ނެތި ފަނާވެގެންދާ ފުމެލެއްވުމެވެ. އެއާއެކު ޤިޔާމަތްވުމުގެ ވަގުތު ފެށިގެންދާނެއެވެ. އަދި އެއަށްފަހު ދެވަނަ ފުމެލެއްވުމާއެެކު ހުރިހާ އިންސާނުން މަޙުޝަރުކުރެވޭނެކަން މާތް ﷲ ވަޙީކުރައްވާފައިވެ.

وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ - 39:68

"ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. اللَّه އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއްފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (محشر ބިމުގައި) ބަލަބަލައި ތިބޭނެތެވެ."

އަދި ކޮންމެ نفس އަކަށްމެ، އެ نفس އެއް ކޮށްފައިވާ عمل އެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭނެކަން ގަދަ ކީރިތި ވަންތަ ޢިލާހު އެކަލާނގެ ވަޙީ ބަސްފުޅުގައި އެއޮތީ އަންގަވާފައެވެ. އަޅުގަނޑުމެން އެންމެން މިދުވަހަށް ތައްޔާރުވަމާތޯއެވެ. ލިބިފައިވާ މަދު ވަގުތުކޮޅު ހެޔޮ ޢަމަލުކޮށް އާޚިރަތް ބާއްޖަވެރިކުރަން މަަސައްކަތް ކުރަމާ ހިނގާށެވެ. ޤިޔާމަތުގެ ވަގުތު އެއަންނަނީ ކައިރި ވަމުންނެވެ. ލަސްނުކޮށް ފުރިހަމަ ތަޢުބާއަކުން ތަޢުބާވެލައްވާށެެވެ.

މިލިޔުން ކިޔާލުމުން
4728243261
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ