ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

ރަށްރަށަށް މީހުން ފޮނުވުން ހުއްޓާލަން ޖެހިދާނެ - ހޯމް މިނިސްޓަރ

ލޮކްޑައުން އާއި ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ހުއްޓާލަން ޖެހިދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އަތޮޅުތެރެއަށް މީހުން ފޮނުވުމުގެ މަސައްކަތުގެ ވިސްނުން ރިވިއުކުރަން ޖެހިފައިވާ ކަމަށެވެ.

"އިއްޔެ ކުއްލިއަކަށް މި ބަލި ފެތުރުން އިތުރުވެގެން ދާނެކަމަށް ޕްރޮޖެކްޓްކުރެވުމުން މިހާރު އަނެއްކާ މިއޮތީ އެކަން ރިވިއުކުރަން ޖެހިފައި. މިކަމުގެ ނުރައްކާތެރިކަމާއި ނާޒުކުކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރަންޖެހޭ. މިހާރު ކުރަމުންދާ ކަންކަން މާދަމާ ވެސް ބަދަލުކުރަން ޖެހިދާނެކަމަށް ގަބޫލުކުރަންޖެހޭ. ރަށްރަށަށް މީހުން ފޮނުވުން ހުއްޓާލަން މި ޖެހިގެންދާން ޖެހޭ ސަބަބަކަށްވީ ކުއްލިއަކަށް ފުޅާދާއިރާއެއްގައި ބަލި ފެތުރިގެންދިއުމުން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ އެއްވެސް އަސަރެއް ނެތް ރަށަކަށް މީހުން ފޮނުވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށާއި، މިކަމުގެ ސަބަބުން ދިމާވާ ދަތި އުނދަގޫތައް އެންމެންވެސް ތަހައްމަލުކުރަންޖެހޭ ކަމަށެވެ.

"މީގެ އެއްވެސް އަލާމާތެއް، އެއްވެސް އަސަރެއް ނެތް ރަށަކަށް އަޅުގަނޑުމެން ރައްޔިތުން ފޮނުވާއިރު، އެ ރަށުގައި ތިބޭ އެހެން ރައްޔިތުންނަށް ނިކަމެތިކަމެއް ނުދިނުން އެއީ އަޅުގަނޑުމެންވެސް އަދި ރައްޔިތުންވެސް އެދޭ ގޮތް. މި ބަދަލުތަކާއެކު ލިބޭ އުނދަގޫތައް އެންމެން ވެސް ތަހައްމަލު ކުރަން ޖެހޭނެ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހުކުރު ދުވަހު އެކަނިވެސް އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް މޮވިޑް-19 ގެ 33 ކޭސް ފެނިފައިވާ ކަމަށާއި، މާނައަކީ މުޅި މާލޭގެ އެކި ސަރަހައްދުތަކުގައި ބަލި ފެތުރިދާނެކަމަށް ގަބޫލުކުރަން ޖެހުންކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ލުއިފަސޭހަ އަދި ހިތްހަމަޖެހޭ ގޮތަށް އަވަހަށް ކަންތައްތައް ކުރަން އުޅުމަކީ ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

ކުރިން ރާވާފައިވާގޮތަށް މާލޭގައި ތިބި ރަށްރަށުގެ ފަރާތްތައް އަވަސްގޮތަކަށް މާލެއިން ފުރުވާލުމުގެ ސަބަބުން ނިކަމެތިކަމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށާއި، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ގޮތްތައް އިންތިޒާމުކުރެވޭނީ ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ގޮތަކަށް ނުވަތަ ފުރުސަތު އެންމެ ކުޑަ ގޮތަކަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވިއިރު، މާލޭގައި ތާށިވެފައިތިބި ބައެއް ފަރާތްތައް މިހާރު ވަނީ ބައެއް ސަރަހައްދުތަކަށް ކަރަންޓީނަށް ފޮނުވާލާފައެވެ. ނަމަވެސް ގިނަ ބަޔަކު އަދިވެސް މާލޭގައި ތާށިވެފައި ތިބިއިރު، އެފަރާތްތައްވެސް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިލަމުންނެވެ.

މިލިޔުން ކިޔާލުމުން
131
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ