އިބްރާހީމް ރިފްއަތް - ފޮޓޯ: ރާއްޖެޓީވީ

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށައަޅައިފި

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.
އެގޮތުން މިއަދު ކުރެއްވި ޓްވީޓެއްގައި ބަންޑާރަ ނައިބު ވިދާޅުވެފައިވަނީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޚުޠޫރަތްތެރި ޙާލަތުގައި، ޖިނާއީ ޢަދުލުގެ ނިޒާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ޖިނާއީ ޝަރީޢަތްތަކާގުޅޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވާނެކަމަށެވެ.
މި ބިލް މަޖިލީހަށް ހުށައަޅާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ޙާލަތްތަކާއި ކާރިސާގެ ޙާލަތްތަކުގައި ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތަކެއް، ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުންނެވެ.
އެހެން ކަމުން ކޮވިޑް-19 އާ ގުޅިގެން މިހާރު މެދުވެރިވެފައިވާ ޙާލަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޢާންމު އިޖުރާއަތުތައް ހިންގުމަށް ދަތިވާތީ، ކަމާގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތަކެއް ބަޔާންކުރުމަށްޓަކައި، މި ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް، 5 މޭ 2020 ގައި ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މި ބިލުގައި، ޤައުމަށް ދިމާވާ މިފަދަ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހުގައިވެސް، ޖިނާއީ ޝަރީޢަތްތައް މެދުނުކެނޑި ހިނގޭނެ އުސޫލުތަކެއް ޤާއިމުކޮށްދިނުމަށްޓަކައި، ޝަރީޢަތުގެ މަޖިލިސްތައް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ އުސޫލުތައް ކަނޑައަޅާފައިވެއެވެ.
އެގޮތުން، ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، ޝަރީޢަތުގެ ޢާންމު މަޖިލިސްތައް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ އުސޫލުތައް، މި ބިލުގައި ބަޔާންކޮށްފައިވާއިރު، ހައްޔަރުކުރުމަށްފަހު ޢަމަލުކުރާ ބައެއް އިޖުރާއަތުތަކާއި، ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރާ ބައެއް އިޖުރާއަތުތަކާއި، ޤާނޫނީ ވަކީލާ ބައްދަލުކުރުމުގެ ބައެއް އިޖުރާއަތުތައް، މިފަދަ ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްކޮށް، ތަޢާރުފުކުރުމަށްވެސް މި ބިލުގައި ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އިތުރުން، ޖިނާއީ ކުށް ކަނޑައެޅުމުގެ ޚާއްޞަ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ދަޢުވާކުރުމުގެ މުއްދަތުތަކާއި، އިސްތިއުނާފުކުރުމުގެ މުއްދަތުތައް ގުނުމުގައި ޢަމަލުކުރާ ގޮތް ބަދަލުކުރުމަށް ހުށަހަޅާފައިވާ އިޞްލާޙުތައްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ