ސީޕީ ހަމީދުގެ މައްސަލަ ބެއްލެވުމަށް މިނިސްޓަރު އިމްރާނަށް އުމަރު ނަސީރު ގޮވާލައްވައިފި

ދިވެހިރާއްޖޭގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު މައްސަލަ ބެއްލެވުމަށް ހޯމްމިނިސްޓަރު މިނިސްޓަރު އިމްރާން އަބްދުﷲ އަށް އުމަރު ނަސީރު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރުކަން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ، ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު އާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯ ތަކާއި ގުޅޭގޮތުން، މިނިސްޓަރ ގެ ހުވަޔާއި އެއްގޮތަށް އަމަލު ކުރައްވަންވާނެ ކަމަށެވެ. އަދި މި މައްސަލަ 2008/5 ދިވެހި ފުލުހުންގެ ޤާނޫނުގެ 23 (ބ) އާއި އެއްގޮތަށް މި މައްސަލަ ބަލަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަށް މިނިސްޓަރު އިމްރާން މި މައްސަލަ ފޮނުއްވަން އުމަރުވަނީ ގޮވާލައްވާފައެވެ.

އުމަރު އިތުރަށް ވިދާޅުވީ، މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، މީގެ ކުރިން މިނިސްޓަރ ކަން ކުރެއްވި ބޭފުޅަކު ވަނީ، މި ޤާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަން އަށް މައްސަލަ ފޮނުއްވާފައިވާ ކަމަށާއި، އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލް ވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތަށް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ ވަޒީރުގެ މައްސަލަ ވެސް ތަހުޤީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން އަމުރު ކޮށްފައިވާ ކަމަށެވެ.

"ހޯމް މިނިސްޓަރ ކަން ކުރުމަކީ ތޯ ތޯ ކަމެއް ނޫން. ޤާނޫނު ގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވާދޭންވާނެ. ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވަންވާނެ." އުމަރު ވިދާޅުވިއެވެ.

ސީޕީ ހަމީދު އާއި ވައްތަރު ބޭފުޅަކު އަންހެނުންތަކަކާއެކު ޕާޓީ ކުރާ މަންޒަރުގެ ވީޑިއޯ ރޭ މެންދަމުވަނީ ލީކް ކޮށްލާފައެވެ. މި ވީޑިއޯ ލީކް ކޮއްލާފައިވަނީ “އެނޮނިމަސް އެމްވީ” ގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓަކުންނެވެ.

“އެނޮނިމަސް އެމްވީ” އިން ރޭ މެންދަމު ވީޑިއޯ ލީކްކޮށް، ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ވީޑިއޯއިން ފެންނަނީ ސީޕީ ހަމީދު އާއި އެމަނިކުފާނުގެ އަންބިކަނބަލުން ކަމަށެވެ.

“ކޮވިޑް-19 ގެ މި ދަނޑިވަޅު، ކޮމިޝަނަރު މުޙައްމަދު ހަމީދު އަދި އަނބިކަނބަލުން ނަޒީހާ އަހްމަދު މަސްތުގެ ހާލަތުގައި ނަށަނީ. ހާއްސަ ފެނިލުމެއްގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަލީ ނާޝިދު (އޮގަރު އައްޔަ).” އެނޮނިމަސްގެ ޓްވީޓްގައި ބުނެފައިވެއެވެ.

ސީޕީ ހަމީދުއާއި ވައްތަރު ބޭފުޅަކު މަސްތުވެ ޕާޓީކުރަމުންދިޔަ ތަނެއްގައި އުޅުއްވާ ވީޑިއޯ ރޭ ލީކް ކޮށްލުމުގެ ކުރިން، އެ ޓްވިޓަރ އެކައުންޓުން މިމަހުގެ 9 ވަނަ ދުވަހު ވަނީ މިކަމާ ގުޅޭ ފޮޓޯތައް އާއްމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ