ކޭލަކުނު ވިއްސާރަ (2)

(ފުރަތަމަ އަދަދާއި ގުޅޭ)

ފާތުމަ ހުރީ ރަކިވެފަ އެވެ. ކާސިންކަލޯ ބަނޑިޔާ ދިއްކޮށްލީ ނަޒަރު ވަކިކޮށް ނުލަ އެވެ. ފާތުމަ އަވަހަށް  އޭގައި ހިފައި ކިހިލީގައި ޖަހައިލި އެވެ.

“ދަނީ.” އިސްޖަހައިގެން ހުއްޓާ ކާސިންކަލޯ ބުނި އަޑު އިވުނެވެ.

ފާތުމަ ބޯޖަހައިލި އެވެ. އޭނާ އިސްއުފުލައިލީ ކާސިންކަލޯ ފަސްދީފައި ހިނގައިގަތީމަ އެވެ. އިސާހިތަކު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައެވެ.

"މޫސާ ދީ! ކޮބާ ހިނގާ ހޮޅާއްޓަށް ވައިޖައްސާލަން ދަމާ!" އަލިކަތީބު ލަފާ ދިނެވެ.

މޫސާދީ ބޯ ޖަހާލައިފައި އަށިން ފައިބައި ހިންދެމިލި އެވެ. ކަތީބު ބަލައިލީ ދަލޭކަ ކޮބައިތޯ އެވެ. ކުޑަ ކަނބުލޮ ވެލިގަނޑުގައި އިނީ އެކަންޏެވެ. ނަސީބަކުން ގޮވަން ނުޖެހުނެވެ. ދަލޭކަ ނިކުމެއްޖެ އެވެ. އަތުގައި ހުރީ ހަނޑޫ އަޅާފައި ހުރި ބޮޑު ބަތްޕޮޅި އެކެވެ. ކަތީބު ދަލޭކައަށް ގޮވާފައި ހޮޅާއްޓަށް ދަނީ ކަމުގައި ބުނެލި އެވެ. ދަލޭކަ ބޯޖަހާލި އެވެ.

ކަތީބާއި މޫސާދީ ނިކުމެގެން ދިޔައިރު ފުރަތަމަ ދިމާވީ މަގުގެ ކޮޅުގައި ހުރި ބަނބުކެޔޮ ގަހެއްގެ ހިޔަލުގައި ތިބި ބަޔަކާ އެވެ. އެކަކު އިނީ ދެފައި ގޮނޑިއެއްގައި އިށީންދެ ކަނަމަދު އޮތް ފަޅާށެވެ. މަދު ފަޅަން ބަހައްޓާފައި ހުރީ ފަލަ ލަކުނޑި ގަނޑެކެވެ. މަދިރިން ސަލާމަތް ވުމަށްޓަކައި ރޯކޮށްފައިވާ ދުންގަނޑުން ދުން ބުރުން މަދުވުމުން، އަންހެންމީހާ ކޮޅަށް ހުރި ފުރާވަރުގެ ކުއްޖަކަށް ގޮވާލައިފައި ކޮންމެވެސް އެއްޗެކޭ ބުނެލި އެވެ. އެވަގުތު އެކުއްޖާ ތިރީގައި، މަދު ފަޅާފައި ބަހައްޓާފައި ހުރި އޮތްކެޔޮތަކުން ބައެއް ނަގައިގެން ގެންގޮސް ދުންގަނޑަށް އަޅާލައިފި އެވެ. އެއާއެކު ދުންތައް އޮލަވެ ހިސާބުގަނޑަށް ފެތުރެން ފެށި އެވެ.

އެމީހާގެ ގާތުގައި މުސްކުޅި ފިރިހެނަކު އިނީ ކަށިކެޔޮ ފަތުން ކުޑަ ދޯންޏެއް ހަދާށެވެ. މުންޑުބުރިއެއްގައި ހުރި ކުޑަ ފިރިހެންކުއްޖަކު މުސްކުޅިޔާގެ ހަރަކާތްތަކަށް ބަލަން ކައިރީގައި އުޑަފައިން އިނެވެ.

"ކަތްދާ މިއޮތް ވައިޖެހޭ އިރުވެސް ހަމަ މަދިރީގެ އުދަނގޫ ކުޑައެއް ނުވޭ ދޯ؟" ކަތީބު ދޯދިނެވެ.

"އާނ އާނ ހެޔޮކޮށް ތިޔަ ބުނީ. ދުން ނުޖަހައި ހިނދުކޮޅަކުވެސް ތަނެއްގައި މައިތިރިއެއް ނުވެވޭ." އަންހެންމީހާ ޖަވާބު ދިނެވެ.

އެމީހުން ފަސްދީ ގޮސް ދެން ނިކުމެވުނީ މަސް އަވީލާން ދެމީހަކު އުޅޭ ދިމާއަކަށެވެ. ގޭގެ ފޫޓުން ބޭރުވާ ހިސާބުގައި އަވީގައި ބާއްވާފައި އޮތީ ވިޔެފައި އޮތް ބޮޑު ތޮށައްޔެކެވެ. މުސްކުޅި އަންހެނަކާއި ފިރިހެނަކު ވެގެން އޭގައި މަސް އަތުރަ އެވެ. ކަތީބުމެން ފެނިގެން އެތަނުން ފިރިހެންމީހާ ތެދުވެއްޖެ އެވެ.

"އަހަ މޫސާދީ! ކޮން ދަތުރެއް ތީ؟ ކިހިނެތް ހާލު އަހުވާލު؟ އަނބިދަރިން ރަނގަޅުތަ؟" ތަކުރު މުންޑުގައި ދެއަތް ފުހެލައިފައި މޫސާދީއާ ސަލާމަށް އަތް ދިއްކުރި އެވެ.

"މި ހަމަ ޖައްސާލީ. ހާލު ރަނގަޅު. އަނބިދަރީންވެސް ހެޔޮހާލުގައި އެބަތިބި." މޫސާދީ ޖަވާބުދިނެވެ.

ތަކުރުގެ އަތުގައި ހިފައިގެން ހުރެފައި މޫސާދީ ދެން އެހީ މަސް ބެވޭތޯ އެވެ. ތަކުރުގެ ވާހަކަ ފެށުނީ އެހިސާބުންނެވެ. މަސައްކަތް ނިންމާފައި ތެދުވި އަންހެނުންނަށް ބޮލުން އިޝާރާތެއް ކޮށްފައި މޫސާދީ ގޮވައިގެން އެތާ ހުރި ކުޑަ ހޮޅުގަނޑެއް ކައިރިއަށް ހިނގައްޖެ އެވެ. ކައިރީގައި ކަތީބުވެސް އިނެވެ. މިމީހުން މިއަނގައެއް ތަޅަން ތިއްބާ ތަކުރު އަންހެނުން ނިކުތީ ކެޔޮފަތްގަނޑަކަށް އަޅާފައި ހުރި ކާށްޓާއި ހިކިމަސްތަކެއް ހިފައިގެންނެވެ.

ކާށިތައް ހުރީ އުކުރައިފައެވެ. ހިކިމަސް ފޯއްވަޅިން ބުރިބުރި ކޮށްފަ އެވެ.

ކަށިކެޔޮ ފަނިތައްޓެއް ބޯލިއަކަސް މަސްކާން ބަނޑުގައި ތަން ހުއްޓެވެ. މަސް އެތި ފެނުމުން ތިން މީހުން ހޭވައްލާ ކިޔާފައި ކާން ފަށައިފި އެވެ. އިރުކޮޅަކުން އެރި ބާރު ވައިރޯޅި އަކާއެކު މަތިން ވެއްޓުނު ކާށި އައިސް ޖެހުނީ ހޮޅުގަނޑު ކައިރީގައެވެ. ތިންމީހުން އެއްއަޑުން ގައިގާ ދުރޭ ކިޔާފައި ފުންމައިގެން ދިޔައީ އެކި މީހުން އެކި ދިމާއަށެވެ. ބިންމަތީ އޮތް ކާށީގެ ބޮޑުކަން ފެނިފައި ސުބުހާނަﷲ އޭ ކިޔަމުން ތަކުރުގެ ޝަހާދަތް އިނގިލި ނަގާ ބެހެއްޓީ ނޭފަތުގަ އެވެ.

***

ދޮން ދަލޭކަ ބަތްޕޮޅީގައި ހަނޑޫ ހޮވަން އަށިމަތީ އިންދާ ފުރާވަރުގެ ދެ އަންހެންކުދިން އައިސް ފޫޓު ތެރެއަށް އެރި އެވެ. އެކުދިން ހަމަ ފެނުނުހާއިރުން ދަލޭކައަށް އެނގިއްޖެ އެވެ. އެއީ ދަރުކޮށަން ދާން ފާތުމަ ހޯދަން އައި ކުދިންނެވެ.

"ފާތުމަ ހޯދަން ދޯ ތިއައީ؟ ފާތުމަ ވެއްޖެ ފެންބަލައި ގޮސް. މިހާރު އަންނާނެ." ދަލޭކަ އޮޅުންފިލުވައިދިނެވެ.

ދަލޭކަގެ ވާހަކައަށް ބޯޖަހާލައިފައި ދެމީހުން ގޮސް އެރީ އެތާ ހުރި ބޮޑު އުނދޯއްޔަށެވެ. އުނދޯލި ހެއްލަން ތިބޭތާ އިރުކޮޅެއް ފަހުން ފާތުމަ އައިސް ފޫޓު ތެރެއަށް ވަދެއްޖެ އެވެ. އެކުވެރިން ފެނިގެން ފާތުމަގެ ދިއްލިފައިވާ މޫނު އިހުނަށްވުރެ އުޖާލާ ވިއެވެ. ކުރިއަށްވުރެ ހަރުކޮށް ހިނގާފައި ގޮސް ފެންބަނޑިޔާ ބަހައްޓާފައި ނިކުމެއްޖެ އެވެ. އޭރު އަތުގައި ކަތިވަޅިއެއް ވެސް އޮތެވެ.

"ފާތުމާ އަވަހަށް ހިނގާ ދެވޭތޯ. މިހާރު އެންމެން ހިނގައްޖެ ވަލަށް. ފަހުން ދެވިއްޖެއްޔާ ޢީދު ބޯކިބާ ފިހަން ދަރުކޮޅެއް ވެސް ނުލިބޭނެ." އެކުވެރިންގެ ތެރެއިން އެކަކު ވާހަކަދެއްކި އެވެ.

ފާތުމަ ބަލައިލީ ދަލޭކަގެ މޫނަށެވެ. ދަލޭކަ ބޮލުގެ އިޝާރާތުން އާއެކޭ ބުނުމާއެކު އޭނާ ހިނގައިގެންފި އެވެ. ފޫޓު ފާރުން ނިކުތްއިރު ކަތީބުގެ ދޮށީ އަންހެންދަރި އައިސް ވަންނަން ދިމާކުރަނީ އެވެ. ދޮންއައިމިނަގެ އުރުގައި ކުޑަ ސޮރު އިނެވެ. ނިކުމެފައިވާ ބަނޑަށް ބަލާލުމުން އެނގެނީ މިހާރު ހަތް މަހަށް އަޅައިގަނެފައިވާ ކަމެވެ.

ފާތުމައަށް އެމީހުން ފެނުމުން ކައިރިވެލައިފައި ކުޑަ ސޮރުގެ ކޮލުން ދޮނެއް ނެގި އެވެ.

ތިން އެކުވެރީން ހެމުން ސަކަރާތް ޖަހަމުން ގޮސް ވަލަށް ވަދެ ދަރުކޮށުމުގައި ޝާމިލް ވިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި ތިންފުނި ދަރު ކޮށައިފި އެވެ. ހިތްހަމަޖެހޭވަރު ވުމުން ދިއްގާ ގަހުން ދޮން ދިއްގާ ދަނޑީގެ ތިން ދަނޑި ކެނޑި އެވެ. ތިންމީހުން ތިން ދަނޑިން ވަކަ ފިލުވައިގެން ގޮތްޖަހައި ދެބުރި ހެދި އެވެ. ކޮންމެ ދަރުބޮނޑިއަކަށްވެސް ދެބުރި ބޭނުންވެއެވެ.

ދެބުރި ވަކަ، ދިގު ދިގަށް ބިންމަތީ ބޭއްވިއިރު އެއް ވަކަ ބާއްވަނީ އަނެކައްޗަށްވުރެ ކުރު ވާގޮތަށެވެ. ދެން އޭގެ މެދަށް އުސްކޮށް ވާހެން ދަރު އެޅިއެވެ. އެކަން ނިމިގެން މަގޫ ކުރި ބުރިކޮށްފައި ގެނެސް ދަރުބޮނޑީގެ މަތީގައި އެތުރި އެވެ. އެހެން ހެދުމުން ބޮލުގައި ދަރުބޮނޑި ޖެހޭ ތަނުން ތަދެއް ނުވާނެ އެވެ. ފުރަތަމަ ނަގަނީ ދެވަކައިގެ ވެސް ކުރުކޮށް އޮންނަ ކޮޅެވެ. މިދެ ކޮޅު ދޫކޮށް ގޮށް ޖަހާފައި އަނެއް ދެކޮޅުން ދަރުބޮނޑިއަށް ވާންކޮށް އެއްވަރު ކުރުމަށްފަހު ގޮތް ޖަހައި ނިންމައިފި އެވެ.

"ކަރުހިއްކައިގަނެގެން ދެތަލި ތަތްލައިފި މިހާރު. ފެންފޮދެއް ނުބޮއި ނުހިނގޭނެ." ފާތުމަ ތެދުވެ ހިންދެމިލައިފައި ވާހަކަދެއްކި އެވެ. އެއަޑުގައި ހުރީ ވަރުބަލި ކަމެވެ. ނިތުގައި ދާތިކި ތަކެވެ.

"ހިނގާ ކުރުނބާ އަޅަން." އެކުވެރިންގެ ތެރެއިން އެކަކު ހިޔާލު ފައުޅު ކުރި އެވެ.

ފާތުމަ އެއްބަސްވެ ބޯޖަހައިލުމުން އެކުވެރިޔާ ހީގެންފައި ބޯ ޖަހައިލި އެވެ. އަނެކަކު ވެސް ދެކޮޅެއް ނުހަދަ އެވެ. ފާތުމަ އާއި އައިސަ ކުރުނބާ ހޯދަން ހިނގައިގަތެވެ. ފަހަތުގައި ހުރި ކަތްދަ ބުނީ ފަހަރުވަ ލައިގެން އެމީހުން ފަހަތުން ދާނެ ކަމުގަ އެވެ. ފާތުމަމެން އެގޮތާއި އެއްބަސްވެގެން ދިޔަ އެވެ.

އައިސައަކީ ކުރިއްސުރެ ގަސް ރުކަށް އެރުމުގައި ކުޅަދާނަ ކުއްޖެކެވެ. ފިރިހެނަކަށް ދޫ ނުކުރެ އެވެ.

"އޭ މަ ބުނެފާނަން މާފައްކާ ގޮތެއް. ހިނގާ ކާސިންކަލޯގެ ރާބަދި ބޯލަން. ކާސިންކަލޯގެ ރާރުއްތައް ހުންނަނީ މިހިސާބުގަނޑުގައެއްނު." އައިސަ ހުއްޓިފައި ވާހަކަދެއްކި އެވެ.

ފާތުމަ ދިޔައީ ސިއްސައިގެންނެވެ. އައިސަގެ ސިކުނޑިއަށް އެކަހަލަ ހިޔާލެއް އަތުވެދާނެ ކަމަކަށް އޭނަ ހިއެއް ނުކުރެ އެވެ. ހާސްކަން ފޮރުވުމަށްޓަކައި ފާތުމަ ކުޑަކޮށް ކަރުކެހިލި އެވެ. ދެން ބޯޖަހާލައިފި އެވެ. ދެކޮޅު ހަދައިފިނަމަ ސަބަބު އޮޅުންފިލުވަން އައިސަ އުޅޭނެކަން ފާތުމައަށް އެނގެ އެވެ. ކިތަންމެ ގާތްކޮށް އުޅުނަސް ސިއްރުތައް އައިސައާއި ހިއްސާ ކުރާކަށް ފާތުމަ ބޭނުމެއް ނުވެ އެވެ. އައިސަ އަކީ ބޮޑު އަނގަ އެކެވެ.

ދެވެރިން ގޮސް ނިކުތީ ކާސިންކަލޯގެ ރުއްގަނޑަށެވެ. ހެނދުނު ރާ ބާލައިގެން ގެންދިއުމަށްފަހު މިހާރު ހުރީ ހަވީރަށް ބަދި ގެނެސް އެލުވާފައެވެ. ކާލި ހަރުކޮށްފައި ހުރުމުން ރުކަށް އެރުން ވީ މާ ފަސޭހަ ކަމަކަށެވެ. ފާތުމަ ތިރީގައި ފާރައަށް ބަހައްޓާފައި އައިސަ ރުކަށް އަރަން ފަށައިފި އެވެ.

ތިރީގައި ފާތުމަ ހުރީ ދެކޮޅު ހޯދައިލަ ހޯދައިލަ އެވެ. ކިރިޔާ ފަތެއް ހިރުވައިލާ އަޑު އިވޭއިރަށް ބިރުން ތެޅިގަނެ އެވެ. މީހަކު ހިނގާ އަޑު އިވިގެން ފާތުމަ ގޮސް ފިލާ ހުރީ ރުކުގެ ފަހަތުގަ އެވެ. ސިއްރުން ބޯދިއްކޮށްލިއިރު އެތަނަށް އައީ ކަތްދަ އެވެ. ފާތުމައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

"އޭ ދެން ފައިބަންވީއެއްނު. މިހާރު އަހަރުމެން ކަރުހިއްކައިގަނެގެން މަރުވަނީ." ކަތްދަ ގޮވާލި އެވެ.

ރުކުގައި އޮތް އައިސަ ޖަހައިލީ ހިނިގަނޑެކެވެ. އެމީހުން ބަލާލިއިރު އައިސަ މަތީ ކާލިގަނޑުގައި ހަމަޖެހިލައިގެން ހުރީ ބަދީގައި ތުން ޖަހައިގެންނެވެ.

"ބަލާބަލަ ނުލަފާކަން. އަހަރުމެންނަށް ނުދީ ހުސްކޮށްލަނީއޭ." ކަތްދަ ހަޅޭތްލަވައިގަތެވެ.

ކަތްދަ ތިރިން ގާ ހޮވައިގެން އުކަން ފެށުމުން އައިސަ ފައިބަން އެއްބަސްވެއްޖެ އެވެ. ފާތުމަ ވެސް ދުރަށް ޖެހިލައިގެން ބަލަން ހުއްޓެވެ. އައިސަ ފޭބިތަނާހެން ކަތްދަ ގޮސް ރާބަދި ޖަހައިގެންފައި ބޯން ފެށި އެވެ. ފާތުމަ ހުރީ އޭނައަށް ލިބޭނެ އިރެއްގެ އިންތިޒާރުގަ އެވެ.

"އަން ފާތުމަ މިބޮއޭ." ކަތްދަ ކުއްލިއަކަށް ބަދި ގެނެސް ފާތުމަ އަތަށް ދިނެވެ.

ފާތުމަ އޭގައި ހިފުމާއެކު ދުރުބަލައިފައި އޭގެ ދިމާ އިދިކޮޅަށް ދުއްވައިގެންފި އެވެ. ކަތްދަގެ މިހަރަކާތާއެކު އައިސަވެސް އެދިމާއަށް ބަލާލި އެވެ. ދެން ހަމަ ކަތްދަ ކަންތައް ކުރި ގޮތަށް ދުވެ ފިލައިފި އެވެ. ދެ އެކުވެރިންގެ މިއާދަޔާ ޚިލާފު ހަރަކާތުން ފާތުމަ ހުރީ ސުވާލު އުފެދިފަ އެވެ. އެމީހުން މާ ބިރެއްގެންފައި އެ ބެލީ ކޯއްޗަކަށްތޯ އޮޅުންފިލުވަން ބޭނުންވި އެވެ. އެދިމާއަށް ބަލައިލުމާއެކު ފާތުމަ ލައިލައި ހުރި ނޭވާ ކަރުތެރޭ ތާށިވެއްޖެ އެވެ. ދުރުގައި ބަލަން އެހުރީ ކާސިންކަލޯ ފިޔަވައި ދެވަނަ މީހެއް ނޫނެވެ. ކާސިންކަލޯގެ މުދަލުން ވައްކަން ކުރަނިކޮށް ވަގު ހިފީ އެވެ. މިއަދު މީ ރަނގަޅަށްވެސް އަދަބު ލިބޭނެ ދުވަހެކޭ ފާތުމަ ހިތަށް އެރި އެވެ.

''ކީއްތިކުރަނީ؟" ކާސިންކަލޯ އައިސް ކައިރިއަށް ހުއްޓިފައި އެހި އެވެ.

ފާތުމަ ހުރީ ރާބަދި ގެނެސް ބަނޑާއި ހަމައިގައި ޖައްސާލައިގެން އެމޫނަށް ބަލާށެވެ. ކާސިންކަލޯ ސުވާލު ކުރުމުން އޭނާ ޖަވާބު ދޭން ތުން ތަޅުވައިލި އެވެ. އެކަމަކު އަޑެއް ނުނިކުތެވެ. ގެންފައިވާ ބިރަކުން ކަރުތެރެ ވަނީ ހިކިފަ އެވެ.

ކާސިންކަލޯ އިތުރު ވާހަކައެއް ދައްކާކަށް ނުހަދަ އެވެ. ބަލަން ހުރެފައި ހިފެހެއްޓީ ތިރިއަށް އެލުވާލެވިފައި އޮތް ފާތުމަގެ އަތުގަ އެވެ. ދެން ހިނގައިގެންފި އެވެ.

"ކޮންތާކަށް އަހަރެން ތިގެންދަނީ؟" ފާތުމަގެ އަނގައިން އަޑު ނިކުތީ ތަންކޮޅަކަށް ދެވުނު ފަހުންނެވެ.

ކާސިންކަލޯ ހުއްޓުނީ އެއަޑު އަހާފަ އެވެ. ދެން އެނބުރި ބަލާލައިފި އެވެ.

"މީހުންގެ މުދަލުން ވައްކަން ކުރާމީހުން ގެންދަން ޖެހޭ ތަނަށް މިގެންދަނީ. ކަތީބު ކުރިމައްޗަށް." ކާސިންކަލޯ އޮޅުންފިލުވައި ދިނެވެ.

ވަގުތުން ފާތުމަގެ ދެލޯ ބޮޑުވި އެވެ. ކުއްލިއަކަށް އަތް ފޮޅުވާލައިފައި އޭނާ އުޑަފައިން އިށީންނީ ކާސިންކަލޯގެ ފައިބުޑުގަ އެވެ. އަތުގައި އޮތް ރާބަދި ވެއްޓި ޖެހުނީ އަދި މާދުރަށެވެ. ފާތުމަ ރޮއި އާދޭސް ކޮށްފައި ބުނަން ފެށީ އެހިޔާލު ބަދަލު ކުރުމަށެވެ. އޭނައަށް މާފު ކޮށްދިނުމަށެވެ. ފާތުމަގެ އެބޮޑު ލޮލުން އޮހެމުންދިޔަ ކަރުނަ ދެކެފައި ކާސިންކަލޯގެ ހިތުގައި ރިއްސައިލި އެވެ. އެކަމަކު ލިބުނު ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ހިތެއް ނުވި އެވެ.

"އެންމެ ރަނގަޅު. ކަތީބު ކައިރިއަކަށް ނުގެންދާނަން. އެކަމަކު އެއީ ގޮތެއްގެ މަތިން." ކާސިންކަލޯ ޝަހާދަތް އިނގިލި އުފުލާލައިފައި ބުންޏެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
151813
ގުޅުންހުރި ލިޔުންތައް

8 Responses

  1. princess

    3vana part kon irskun up kuraanee.vvvv reethi mi vsahak

  2. އަރުބާތު

    ވާހަކަ ނިމޭނެ ގޮތެއް އެނގޭނީ ނިމުނީމަ. އެކަމަކު އުއްމީދަކީ އަންނަން އުޅޭ ބޮޑު ތޫފާނުން ފާތުމަ ސަލާމަތް ވުން.

  3. Husen

    Kamudhaavaruvey

  4. Jaxubaath

    ?Thinvana bai kon irakunbaa

  5. Alibe

    Vr furihama kan faahag kureyvey dhivehi vanthr

    3
    1
  6. Aneedha

    Varah vx rythi sifa kurun thah vx varah furihama ehaame dhivehi vantha

    5
    1
  7. މާލެއަތޮޅު ވެރިރަށުން

    މިހާރު ހަމައެކަނި އިންތިޒާރުކުރެވޭ ވާހަކަ. ދިވެހިވަންތަ ގޮތްތައް އެކުލެވުމާއި، ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާ ކޮށްފައިވާ ލިޔުމެއް ކަމަށް ބެލެވޭތީ ވަރަށް ކިޔާހިތުން ކިޔާ ވާހަކައެއް މިއީ.

    13
    1
    • Husen

      Ragalhu

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ