މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބިލް ކަސްޓަމަރުންނަށް އަމިއްލައަށް ޖެނެރޭޓް ކުރެވޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
އެމްޑިބްލިޔުއެސްސީ އިން ވިދާޅުވެފައިވަނީ ގްރޭޓާރ މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ފެން މީޓަރުގެ ފޮޓޯއާއި ރީޑިން، އެމް.ޑަބްލިޔު.އެސް.ސީ ގެ އެޕް މެދުވެރިކޮށް، އަޕްލޯޑު ކޮށްލައްވައިގެން ކަސްޓަމަރުންނަށް އަމިއްލައަށް ފެން ބިލް ޖެނެރޭޓް ކޮށްލެވޭނެ އިންތިޒާމު އެކުންފުނިން މިހާރު ވަނީ ހަމަޖައްސައިފައިކަމަށެވެ. އެގޮތުން އެމް.ޑަބްލިޔު.އެސް.ސީ ގެ އެޕަށް އަލަށް ތަޢާރަފު ކުރެވުނު މި ފީޗަރއާއެކު، އެޕުގައި ބަޔާންކޮށްފައިވާ އިރުޝާދާ އެއްގޮތަށް މީޓަރުގެ ފޮޓޯއާއި ރީޑިންގ އަޕްލޯޑު ކުރާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެންބިލް ތައްޔާރުވެ، އެޕް މެދުވެރިކޮށް ފެންބިލް ބަލައިލެވޭނެކަމަށް އެ ކުންފުނިން ވިދަޅުވެއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އެޕަށް މިފީޗަރ ތަޢާރަފު ކުރެވުނީ، ފުރަބަންދުގައި އެމް.ޑަބްލިޔު.އެސް.ސީ ގެ މުވައްޒަފުން ގޭގެއަށް މީޓަރ ރީޑިންގ ނަގަން ދިއުމަކީ، ކަސްޓަމަރުންނާއި މުވައްޒަފުންވެސް ނުރައްކަލަށް ހުށަހެޅިގެން ދާނެ ކަމަކަށް ވުމާއެކު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުންނާއި އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގަވާއިދުން ފެން ބިލު ލިބިލައްވާނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި ކަމުގައި އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
އެކުންފުނިން ވިދާޅުވެފައިވަނީ ރީޑިންގ ނަގާ ދުވަސް ޖެހުމުން، މީޓަރުގެ ރީޑިންގ އަޕްލޯޑު ކުރެއްވުމަށް އެދި އެމް.ޑަބްލިޔު.އެސް.ސީ
އިން ކަސްޓަމަރުންނަށް އެސް.އެމް.އެސް ނޯޓިފިކޭޝަނެއް ފޮނުވާނެކަމަށާއި، ނޯޓިފިކޭޝަން ލިބިލެއްވުމުން، އެޕަށް ލޮގިންވެލައްވައި، އެޕްގެ ހޯމް ސްކްރީނުން ފެނިވަޑައިގަންނަވާ ރީނދޫ ކުލައިގެ ކެމެރާ އައިކަން އަށް ފިއްތަވާލެއްވުމަށްފަހު އެޕުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް މީޓަރުގެ ފޮޓޯއަކާއި މީޓަރުގެ ޑައިލް އިން ފެނިވަޑައިގަންނަވާ 8 އަދަދުގެ ނަންބަރު ޖައްސަވައިލެއްވުމަށްފަހު، ސަބްމިޓް ކޮށްލެއްވުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިލް ޖެނެރޭޓްވެ، އެޕަށް ބިލް އަޕްޑޭޓްވެގެން ދާނެކަަމެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް މީޓަރ ރީޑިންގ ނުފޮނުވޭނަމަ، އެމް.ޑަބްލިޔު.އެސް.ސީ އިން އެމަހަކަށް ބިލް ހަދާނީ އެ ގޭބިސީއެއްގެ ފާއިތުވި ތިންމަހާއި ހަމަހާ ދޭތެރޭގެ ބިލްތަކުގެ އެވްރެޖް އަށް ބިނާކޮށް، އެވްރެޖް ބިލެއް ކަމުގައި އެކުންފުނިން ވަނީ ވިދާޅުވެފައެވެ.



