ސައްތައިން ސައްތަ ދިވެހި ޤައުމު އަދި މުޅި އިސްލާމީ އުންމަތް މިއަދު މިދެކޭ ދުވަސްތަކަކީ ކަޅު ދުވަސްތަކެކެވެ. މުސްލިމުން އެ މައްސަރަކަށް އެންމެ ހާއްޞަކަމެއް ދެމުން އައި ބަރަކާތްތެރި ރަމަޟާން މަސް މުސްލިމުންނާ ބައްދަލުކޮށްފައި މިވަނީ ކޮވިޑް-19ގެ ބަލާއާފާތުގެތެރެއިންކަމީ ހިތްދަތި އެހެނަސް ހަޤީޤަތެވެ.
މީލާދީސަނަތުން 13 މެއި 2020 ވާ ބުދަ ދުވަހުގެ ފަޖުރުގެ އަލިކަން ދުނިޔެއަށް ކުރަނީ ބަރަކާތާއި މަޣްފިރަތުން ފުރިގެންވާ މި މަތިވެރި މައްސަރުގެ ފަހު ދިހައަކާއިގެނެވެ. ފެށިގެން މިދަނީ މި މައްސަރުގެ ސަވާބާއި ދަރުމައަށް އެންމެ ދަހިވެތިވާންވީ، އަޅުކަމުގައި ހީވާގިވާންވީ ވަގުތުތަކެވެ.
ރަމަޟާން މަހުގެ ފަހުދިހައިގެ ކުރިން މިދުނިޔެއާއި އަލްވަދާޢުކީ މީހުންނާއި، ކޮވިޑް-19 ގެ ބަލި އެނދުގައި އޮށޯވެންނަން ނުޖެހި، ހެޔޮ ޞިއްޙަތާއި ޢާފިޔަތުގައި މި ދުވަސްތަކާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުމީ ކުޑަ ކަމެއް ނޫނެވެ.
ރަހުމާނުވަންތަ ﷲ ގެ އޯގާވަންތަކަމުން ފަހު ދިހައިގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވެއެވެ. އެއީ "ލައިލަތުލް ޤަދްރިވިލޭރޭ" އެވެ. ﷲ ތަޢާލާ އެރޭ ކުރާ އަޅުކަން އެއްހާސް މައްސަރަށްވުރެ މާތްކުރައްވާފައިވެއެވެ.
"ލައިލަތުލްޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."
މާތް ﷲ ވަކީކުރައްވާފައިވާ ބަސްފުޅެއްގެ މާނަ
އެއްހާސް މައްސަރަކީ ގާތްގަނޑަކަށް 83 އަހަރެވެ. 83 އަހަރު، ކޮންމެ ދުވަހަކު ރެއާ ދުވާލު އަޅުކަމުގައި ހޭދަކުރެވިދާނެބާއެވެ. 83 އަހަރު ދުނިޔޭގައި އުޅުމުގެ ނަސީބު ލިބޭ މީހާވެސް، ވަރަށް މަސައްކަތް ކޮށްގެންވެސް އަޅުކަމުގައި ހޭދަކުރެވޭނީ އޭގެ ތެރެއިން މަދު ވަގުތަކެއްގައެވެ. ކަންމިހެން އޮތްއިިރު މިފަދަ މާތް ރެއެއް ލައްވާފައިވުމީ ރަޙްމާނުވަންތަ، ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން ހިތައް ނުގެނެވޭފަދަ ދީލަތިވަންތަ ބަރަކާތްތެރި ދެއްވުމެކެވެ.
"މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާންގެ އިޛުނަފުޅާއެކު، ހުރިހާ އަމްރުފުޅަކާއިގެން އެރޭ ފައިބާވަޑައިގަންނަވާނެތެވެ."
މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނަ
މުޅި ކާއިނާތުގެ އެންމެހާ ކަމެއް ލައުހުލްމަހްފޫޒްގައި ލިޔުއްވާފައިވީ ނަމަވެސް، ކުރިއަށް އޮތް އަހަރުގައި ހިނގާނެ އެންމެހައި ކަމެއް، ކަނޑައަޅުއްވަނީ ކޮންމެ އަަހަރެއްގެ ލައިލަތުލްޤަދްރިވިލޭރޭގައެވެ. އޭގެ ތެރޭގައި މީސްތަކުންގެ ރިޒްޤާއި، އުފަންވުމާއި، ދިރިހުރުމާއި، މަރުވުން ފަދަ އެންމެހައި ކަމެއް ހިމެނެއެވެ.
ކޮވިޑް-19 އިން ސަލާމަތްވެ ކުރިއަށް އޮތް ދުވަސްތަކަށް އަޅުގަނޑުމެން ފޮނި އުއްމީދުތަކެއް ކުރާއިރު، އެ ދުވަސްތަކުގެ ތެރޭގައި ދުނިޔެ ދޫކުރަންޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކަން މިހެން އޮތްއިރު، ލައިލަތުލްޤަދްރިވިލޭރޭ ﷲ ތަޢާލާ ހުރިހާ ނިޔާއެއް އިޢުލާންކުރައްވާހިނދު، އެ އިލާހު ރުއްސަވާ ހެޔޮ ޢަމަލެއްގައި ވުމަށް މަސައްކަތް ކުރާންޖެހެއެވެ.
ދުނިޔެ ދެކެމުންދާ ދަތި އުނދަގޫ ވަގުތުގެ ސަބަބުން ނަމަވެސް އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަނުކުރެވުނު ފަރާތްތަކަށްވެސް، މިއަދު މިފެށޭ ފަހު ދިހައަކީ ރަނުގެ ފުރުޞަތެކެވެ. މާތްކަމުން ފުރިގެންވާ ލައިލަތުލްޤަދްރިވިލޭރޭ، ﷲ ތަޢާލާ އެއްކައުވަންތަކުރާ ހާލު އެއިލާހުގެ ހަޟްރަތުން ސަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކުރުމުގެ ނަސީބު ލިބިގަނެއްޖެމީހާއަށް، އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވޭނެކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދެއްވާފައެވެ.
"ތިޔަބައިމީހުން ރޯދަމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނާށެވެ!"
ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނަ
ކޮވިޑް-19 ގެ މި ބަލާއާފާތުން ސަލާމަތްވުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ބަހައްޓައި، މި ނުރައްކާތެރި ވައިރަސް ފެތުރުމުގެ ފުރުޞަތު ހަނިކުރުމުގެ ގޮތުން ބޮޑެތި އިސްލާމީ ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގައިވެސް ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައި، ހުކުރު ނަމާދާއި ތަރާވީހު ނަމާދުކުރުން ހުއްޓާލާފައިވީ ނަމަވެސް މި މަތިވެރި ދުވަސްތަކުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ފިސާރި ހިތްވަރާއެކު މަސައްކަތް ކުރާންޖެހެއެވެ.
ޖަމާޢަތުގައި ނަމާދު ނުކުރުމަކީ ފަރުޞު ނަމާދާއި، މި މަތިވެރި ސަވާބު ހޯދުމަށް ކުރަންޖެހޭ ދީނީ އެންމެހާ ކަންކަން ކުރުމުން ދުރުހެލިވާންވީ ސަބަބަކަށް ހެދުމުގެ ބަދަލުގައި، މި ބަލާއާފާތުން މިންޖުކުރެއްވުމަށްއެދި ދުއާކުރާހާލު ރަމަޟާން މަހުގެ ފަހު ދިހައިގެ މަތިވެރިކަމާއި ސަވާބު ހޯދުމަށް މަސައްކަތްކުރަމާތޯއެވެ.