އިސްލާމްދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ މަރަން ހުކުމް ކުރި ޕާކިސްތާނުގެ ނަސާރާ އަންހެނެއް ކަމަށްވާ އާސިއާ ބީބީ ކެނެޑާއަށް ހިޖުރަކޮށްފިއެވެ.
އާސިއާ ބީބީ ކެނެޑާއަށް ހިޖުރަކޮށްފައި މިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ބީބީގެ މައްޗަށް ހުކުމް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ނިންމައި އޭނާ ދުކޮށްލަން އަންގައިފައި ވަނިކޮށެވެ.
ދެހާސްނުވަ ވަނަ އަހަރު 54 އަހަރުގެ އާސިއާ ބީބީ ހައްޔަރު ކުރީ، އޭނާ އާއި ދެ މުސްލިމް އަންހެނަކާ ދެމެދު އުފެދުނު ދެބަސްވުމެއްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ބުނެ އެވެ. ނަމަވެސް ބީބީ ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.
ބީބީގެ މައްޗަށް ހުކުމް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ނިންމައި އޭނާ ދޫކޮށްލުމާއި ގުޅިގެން ޕާކިސްތާނުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކޮށްފައިވަނީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ހާދިމް ހުސައިން ރިޒްވީ ހައްޔަރުކޮށްގެންނެވެ.
މިހާތަނަށް ބީބީ ހުރިތަނެއް ސަލާމަތީ ސަބަބުތަކަށްޓަކައި ވަނީ ސިއްރުކޮށްފައެވެ. ބީބީ ކެނެޑާއަށް ހިޖުރަކޮށްފައި މިވަނީ ބީބީގެ އަންހެން ދެދަރިން ކެނެޑާއިން ހިމާޔަތް ހޯދާފައި ވަނިކޮށެވެ.



