ނ. މަނަދޫން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މަނަދޫ ކައުންސިލުން ވިދާޅުވީ، އެ ރަށުގެ އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން މިއަދު އަންގާފައިވާ ކަމަށެވެ.
މަނަދޫއިން މީގެކުރިން ޕޮޒިޓިވްވެފައިވަނީ، ބަނޑުގައި ރިއްސާތީ މާލެ ގެނައި އަންހެނެކެވެ. މަނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 9 މީހުންނަކީ އެ އަންހެންމީހާއާ ކޮންޓެކްޓްވި މީހުންނެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާއި އާއި ކޮންޓެކްޓްވި މީހުންގެ ތެރެއިން ޓެސްޓް ހެދި ނުވަ މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން އަންގާފައިވީނަމަވެސް އެއީ ކޮންކޮން ބައެއްކަމެއް ނޭނގޭކަމަށެވެ. އަދި އެއެންމެންވެސް ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނަދޫ އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މަނަދޫއިން ފެނުނު ކޮވިޑް-19ގެ ފުރަތަމަ ކޭސްއާއި ގުޅިގެން އަތޮޅު ހޮސްޕިޓަލްގެ 15 ސިއްޚީ ޚިދުމަތްތެރިން އެކަހެރިކޮށްފައިވެއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުން މިހާރުވަނީ އެއްހާހުން މައްޗަށް އަރާފައެވެ. ވެރިރަށް މާލޭގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫންއިންވެސް މިބައްޔަށް މީހުން ޕޮޒިޓިވްވެފައިވެއެވެ.



