ބޭއޮފް ބެންގޯލުގައި މިވަގުތު ހުރި ކޮޅިގަނޑު މިއަދުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން މިރޭ ވިދާޅުވީ، ރާއްޖެއާއި ދުރުން، އިރުދެކުނު ބޭއޮފް ބެންގޯލުގައި ހުރި ކޮޅިގަނޑު 2020 މެއި16 ވާ ހޮނިހިރު ދުވަހު، ތޫފާނަކަަށް ބަދަލުވުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވޭ ކަމަށެވެ.
"ބެލެވޭގޮތުން އެ ތޫފާން ބޮޑަށް ރާއްޖެއާއި ދުރަށް ޖެހެމުން ދާނީ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖެއަށް ގދަ ވަޔާއެކު ވިއްސާރަ ކުރަމުންދަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކަމަށާއި، ހުޅަނގު މޫސުން ކުރިއަށްދާ ވަރަކަށް ރާއްޖެއަށް މޫސުމީ ވިއްސާރަ ކުރަމުންދާނެ ކަމަށެވެ.
Severe weather update for Maldives. pic.twitter.com/YgpVerPdqA
— Maldives Meteorology (@MetMaldives) May 15, 2020
ފާއިތުވި24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކޮށްފައިވާއިރު، އެންމެ ބާރަށް ވައި ޖެހުނުކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުން ދައްކަނީ ހުޅުލެއަށެވެ. ހުޅުލެއަށް ގަޑިއަކު 48 މޭލަށް ވައިޖެހިފައިވާއިރު، ޅ. އަތޮޅުވެލިފުއްޓަށް 46 މޭލަށް އަދި ބ.ތުޅާދޫއަށް 45 މޭލަށް ވައިޖެހިފައިވެއެވެ.
Gust winds for the last 24 hours. pic.twitter.com/CT3fq0Vn6j
— Maldives Meteorology (@MetMaldives) May 15, 2020
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ވައިގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް. ބޯކޮށް ވާރޭވެހި ވައި ގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.




