ވަގުތުން ފާތުމަގެ ދެލޯ ބޮޑުވި އެވެ. ކުއްލިއަކަށް އަތް ފޮޅުވާލައިފައި އޭނާ އުޑަފައިން އިށީންނީ ކާސިންކަލޯގެ ފައިބުޑުގަ އެވެ. އަތުގައި އޮތް ރާބަދި ވެއްޓި ޖެހުނީ އަދި މާދުރަށެވެ. ފާތުމަ ރޮއި އާދޭސް ކޮށްފައި ބުނަން ފެށީ އެހިޔާލު ބަދަލު ކުރުމަށެވެ. އޭނައަށް މާފު ކޮށްދިނުމަށެވެ. ފާތުމަގެ އެބޮޑު ލޮލުން އޮހެމުންދިޔަ ކަރުނަ ދެކެފައި ކާސިންކަލޯގެ ހިތުގައި ރިއްސައިލި އެވެ. އެކަމަކު ލިބުނު ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ހިތެއް ނުވި އެވެ.
"އެންމެ ރަނގަޅު. ކަތީބު ކައިރިއަކަށް ނުގެންދާނަން. އެކަމަކު އެއީ ގޮތެއްގެ މަތިން." ކާސިންކަލޯ ޝަހާދަތް އިނގިލި އުފުލާލައިފައި ބުންޏެވެ.
ފާތުމަ ތިރީގައި އިންގޮތަށް އިނދެފައި މޫނު އުފުލާލައި ބަލައިލި އެވެ. އެމޫނުގައި ހުރީ ސުވާލު މާކު ޖެހިފަ އެވެ. ކާސިންކަލޯގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. އެކަމަކު އޭގެ ކުރިން ކަރުކެހިލައި ކުރީގެ ސީރިއަސްކަމަށް އަތުވެއްޖެ އެވެ. ހައިރާންވެފައި އިން ފާތުމަގެ ދެކޮނޑުގައި ހިފާ ނެގިއިރު ކާސިންކަލޯގެ ހިތްވެސް ހުރީ އަވަސްވެފަ އެވެ. ފުރަތަމަ ދެތިން ސިކުންތު ހޭދަވެގެން ދިޔައީ އެލޮލުން ނަޒަރު ވަކިކޮށް ނުލެވިގެން އުޅެނިކޮށެވެ.
"އަހަރެން ކަތީބު ކައިރިއަށް ދާނީ ފާތުމަ އަހަރެން ބުނާހާ އިރަކުން ބުނާހާ ތާކުން ބައްދަލު ކުރަން އެއްބަސްވީމަ." ކާސިންކަލޯ ބުނެލި އެވެ.
ފާތުމަގެ ހިތް ހީވީ މޭފަޅާފައި ނިކުތް ހެންނެވެ. އަމަތްޔާއިއޭ ކިޔާފައި ފަހަތަށް ޖެހިގަނެވިއްޖެ އެވެ. ކާސިންކަލޯ މޮޔަވީހެއްޔޭ ބުނަން ހިތަށް އެރި އެވެ. އެކަމަކު އެހުރި ހާލަތުގައި ބާރު އޮތީ ކާސިންކަލޯގެ އަތުގައިކަން ހަނދާންވެގެން ހުއްޓާލި އެވެ. ސަލާމަތް ވާން އޮތީ ކާސިންކަލޯގެ ޝަރުތާއި ގަބޫލު ވެގެންނެވެ.
ފާތުމަ ހިންދިރުވާލައިފައި އެއްބަސްވި އެވެ.
ކާސިންކަލޯ ގަސްތަކުތެރެއަށް ވަދެ ގެއްލުމުން، ފާތުމަ އަނބުރާލައިފައި އެކުވެރިންނަށް ގޮވަމުން ހޯދަން ހިނގައިގަތެވެ. ކަތްދަ ފެނުނީ ރުކެއްގެ ފުރަގަހުގައި ހުއްޓަ އެވެ. ފާތުމަ ގޮސް ބުރަކަށީގައި އަތްލިހާއިރުން ރޮއި ހޭރިގެންފައި ދުއްވައިގެންފި އެވެ. އިރުކޮޅަކުން ފެނުނީ ތިރީގައި އޮތް މުލެއްގައި އަޅައިގެންފައި އަނގަވަތަށް ވެއްޓުނު ތަނެވެ. ތެދުވިއިރު ހުރީ ވެލި ކެވިފަ އެވެ. ހިނިއަންނަ ފަދަ މަންޒަރެއް ފެނުނީމަވެސް ފާތުމަ ގާތަށް ހިންޏެއް ނައެވެ. ސިކުނޑީގައި ގުގުމާފައި ހުރީ ކާސިންކަލޯގެ ވާހަކައެވެ.
ދެއެކުވެރިން ދަރުބޮނޑި ކައިރިއަށް ދިޔައިރު އައިސަ އެތާ ހުއްޓެވެ. ކާސިންކަލޯގެ ވާހަކަ އެހީ އައިސަ އެވެ. ފާތުމަ ހެދީ ދޮގެވެ. ބުނީ އެމީހުންގެ މައްސަލަ ކަތީބަށް ހުށައަޅާނެ ވާހަކަ ބުނެ ބިރު ދައްކާފައި ދިޔައީ ކަމަށެވެ. އެކުވެރިން އިތުރު ސުވާލު ނުކުރުމުން ފާތުމަ ހިތްހަމަޖެހުނެވެ. އައިސަ ބުނީ ކާސިންކަލޯއަށް ލަނޑެއް ދީގެން ނަމަވެސް އެކަން ވާނީ ހުއްޓުވަން ކަމުގަ އެވެ.
***
ކަތީބުމެން އަތިރިއަށް ދިޔައިރު ހޮޅުއަށީގައި ކުރިއްސުރެ މީހުން ތިއްބެވެ. ހެއުވަރު ވަރަކަށް ޖެހެމުންދިޔަ ވައިން އުފާ ހޯދަމުން ނިދާފައި ތިބި މީހުން މަދެއް ނޫނެވެ. ކަތީބުމެން ދެމީހުން އަރައި އިށީންދެލީ ތެދުވެ ތިބި ދެމީހެއްގެ ކައިރީގަ އެވެ. އެމީހުން ތިބީ ދުފާބޮނޑި ނިއުޅާލައިގެން ދުފާށެވެ. ކުދިވެރިންތަކެއް ގޮވައިގެން އައިސް އުޅޭ މުސްކުޅިޔަކު ކައިރީގައި ހުރި ގަހެއްގެ ބުޑުގައި އިނެވެ. މުސްކުޅިޔާ ކަށިކެޔޮފަތުން ހޮޅި ހަދާފައި ދިނުމުން ދެކުއްޖަކު ހޮޅި ދުއްވަނީ އެވެ. ދެން ހުރީ އަންހެންކުއްޖެކެވެ. އެކުއްޖާ ހުރީ ފަނުން ހަދާފައި އޮތް ބުރަފައްޗެއް އަނބުރަން ،ޖެހޭ ވަޔަށް ދިއްކޮށްލައިގެންނެވެ.
"ކަތީބު ކޮބާ ދުފާލަންވީއެއްނު. ވަރަށް ރަހަގަދަ ދުންފަތް އެބަހުރި." ދުފަން ތިބި ދެމީހުން ކުރެ އެކަކު ދައުވަތު ދިނެވެ.
އަނގައިގައި އޮތް ހަތްޕުނޑުގަނޑާއި އެކު ކަތީބު ބޯޖަހައިލިއެވެ. ދެތިންފޮތި ފޯއް ނަގައި ބިލެތްގަނޑެއްގެ އެއްފަޅިއަށްލައި އޮޅާލައިފައި އަނގައަށް ކޮށްޕާލައިފި އެވެ. ދެން ނެގީ ދުންފަތްބުރި އެކެވެ. އިތުރަށް ކަރަންފުލަކާއި އިނގިލީގައި ލީ ހުނިކޮޅުވެސް ލޮވެލި އެވެ. އިސާހިތަކު ދުފުންގަނޑު ވަރުގަދަ ވެއްޖެ އެވެ. މޫސާދީވެސް ފޯއްފޮއްޗަކާއި ކަރަންފުލެއް ލިއެވެ.
ދެން ފެށުނީ ވެލަޔާ ހިނގާ ވާހަކަ އެވެ. މޫސާދީ އަކީ ވެލަޔަށް މާ ފޯރި ހުންނަ މީހެކެވެ. އެތާ ތިބި ދެމީހުން ވެލަޔަށް ދެރޭ ފާރަލައި ދެން އޮތީ ތިންވަނަ ރެއެވެ. އެވާހަކަ އާއި ބައިވެރިވާން ވެގެން މޫސާދީ އަނގައަށް ގިނަވެފައި ހުރި ކުޅުގަނޑު ބުރުވާލައިފި އެވެ. ޝަހާދަތް އިނގިއްޔާއި ބޮޑުވައިލި އިނގިލީން ދެމިޔަކަން ފުހެލައިފައި ހޮޅާއްޓަށް އަރައި ރަނގަޅަށް ހަމަޖެހިލި އެވެ.
މެންދުރާއި ދިމާކޮށްފައި ދެމީހުން ފައިބައިގެން ދިޔައީ ގޮނޑުދޮށަށެވެ. ގުންޑޯޅިން ތިރީގައި އަވީގައި ތިބެގެން ވެލިން ދަތްއުނގުޅައި ހުދު ކުރި އެވެ. ދެން ގޮސް މޫދަށް އެރުނެވެ. ރަނގަޅަށް ފަތާލައި ގައިން މިލަ ފިލުވާހެދި އެވެ.
މޫދުން އަރައިގެން އަންނައިރު އެންމެ ކައިރީގައި ހުންނަނީ ފެންވަޅެކެވެ. މޫސާދީއާއި ކަތީބު ހުއްޓުނީ އެވަޅާ ހިސާބުންނެވެ. ލޮނުފިލުވާލުމަށްޓަކައި އެވަޅުން ފެންނަގައިގެން ބޮލަށް އެޅި އެވެ. ގެއާ ދިމާއަށް މިސްރާބު ޖެހީ އެއަށްފަހު އެވެ.
***
ފާތުމަ ގެއަށް އައިއިރު ހުރީ ވަރުބަލިވެފަ އެވެ. ކަރުހިއްކައިގަނެގެން ގޮސް ބަދިގެއަށް ބޯދިއްކޮށްލި އެވެ. އެތެރޭ އޮލަވެފައި އޮތް ދުމުގެ އަސަރު ލޮލަށް ކުރުމުން ކެއްސައިގަތެވެ. އެވަގުތު ދޮންދަލޭކަ އުނދުން ދޮށުގައި އިނދެފައި އެނބުރުނެވެ. ފާތުމަ ފެނިގެން ދަލޭކަ އެދުނީ ފަންހުނގުއްޔަކާއި ހޯލި ދަރުކޮޅެއް ގެނެސްދިނުމަށެވެ. ފާތުމަ އަނބުރާލައިފައި ދިޔަ އެވެ.
ދަރު ހިޔާކޮށްފައި ބަހައްޓަން ފަނުން ހަދާފައިވާ ގެގަނޑުގައި މިއަދު ގެނަ ދަރުބޮނޑި އޮތެވެ. ފަން ހުނގުލިތައް ހުރީ އެއާއި ޖެހިގެންނެވެ. ފާތުމަ ދަރުކޮޅު ތުނޑުލަށް އަޅައިގެން އަނެއް އަތުން ފަންހުނގުލި ހިފައިގެން އައެވެ. ބަދިގޭ އޮޅިގިރާ ކޮށްފައި ވަދެ ދަރުކޮޅު އަޅައިލީ އުނދުން ކައިރިއަށެވެ. ދުންތަކުން ސަލާމަތް ވުމަށްޓަކައި މޫނާއި ދިމާ ވައިގެތެރޭގައި އަތް ހޫރަމުން ބަނޑިޔާ ކައިރިއަށް ޖެހިލި އެވެ. ފެން ހިފައިގެން ނިކުންނަން ވީއިރު ދަލޭކަ ހުރީ އުނދުން ރޯކޮށްފަ އެވެ. ހޯލިތަކުގައި ހުޅު ހިފުމާއެކު އަލިފާންގަނޑު ގަދަޔަށް އަނދައިގެންފި އެވެ.
ފާތުމަ ކަރުހިއްކުން ފިލުވަން އަށިމަތީ އިންދާ ބައްޕަމެން އައިސް ފޫޓު ތެރެއަށް ވަދެއްޖެ އެވެ. ފާތުމަ ގޮވައިލީ މަންމަ އަށެވެ. ދަލޭކަ ބަދިގެއިން ބޭރަށް ބޯދީފައި އެމީހުން ފެނިގެން ނިކުތެވެ.
ކަތީބު މަޑުކޮށްފައި ކުރިން ފެންވަރަން ފޮނުވީ މޫސާދީއެވެ.
"ދަލޭކާ! އަހަރެމެން ނަމާދުން އަންނަންވާއިރަށް ކާން ހަދާތި. މޫސާދީއަށް ވަރަށް މީރުވާނެ ކަނޑޫ. ކަނޑޫ ހުރިއްޔާ ކަނޑޫކޮޅެއްވާނެ ކައްކަން." ކަތީބު ވާހަކަދެއްކި އެވެ.
"ކަނޑޫކޮޅެއް ވެއްޖެ ރައްކާކޮށްފައި." ދަލޭކަ ޖަވާބުދިނެވެ.
މޫސާދީ ހިތްހަމަޖެހުމާއެކު ފުން ނޭވައެއް ދޫކޮށްލި އެވެ. ދަލޭކަ ދެން އެނބުރުނީ އަންހެން ދަރިފުޅާއި ދިމާއަށެވެ. މެންދުރު ކެއުން ތައްޔާރު ކުރުމަށް ފާތުމަ ކޮށްދޭންވީ ކަންކަން ކިޔައިދިނެވެ.
***
މެންދުރު ނަމާދުން ފައިބައިގެން ގެއަށް އައިއިރު ގޭގެ ބޮޑު އަށިމަތީގައި ކެއުން ތައްޔާރުކޮށްފައި ހުއްޓެވެ. ކަތީބާއި މޫސާދީ އަތްދޮވެގެން ވަދެ ބޮޑު އަށީގެ ދެކޮޅަށް އަރައި ހަމަޖެހިލައިފި އެވެ. މައިގަނޑު ކެއުމަކަށް ހުރީ ކަނޑުލާއި ގަރުދިޔަ އަދި ހަރު ހަނޑޫ ބަތެވެ. ހޫނު ކޮށްފައި ހުރި ރަތް ގަރުދިޔަގަނޑު ފެނިފައި ވެސް މީހުން ކުޅު ދިޔާ ވާނެ އެވެ. ކަނޑުމަހު ބޮލާއި ކަށިފަތި، ދޮންބިހާއި މޭގަނޑުގެ އަދި ބަނޑައިދޫތައް ކުޑަ ދޮލަނގެއްގައި ހުއްޓެވެ. ބިލިމަގާއި ތޮޅި މިރުސް ހުރީ ކުޑަ ނާށްޓެއްގަ އެވެ. ގާނާފައި ހުރި ހުންޏާއެކު ދެން ހުރީ ކައްކާފައި ހުރި ކަށިކެޔޮ ފަންޏެވެ. ފޮނިކޮށް ކައްކާފައި ހުރި ބަނބުކެޔޮ ބޮނޑިބަތް ތައްޓެއްވެސް ހުއްޓެވެ.
ދެވެރިން ފޯރީގައި ކާން ފެށުމުން ދަލޭކަ ވިސްނަފައްޗެއް ހިފައިގެން މެހި ފައްސަން ހުއްޓި ހުރީ ކޮޅަށެވެ. ފާތުމަ ނިކުމެ އިނީ އުނދޯލީގައި ކުޑަ ކަނބުލޮ ގޮވައިގެންނެވެ. ދިގު އަހަންމަދު މިސްކިތުން އައިސް ވަނީ ފާތުމަ އެތާ އިންދަ އެވެ.
ފާތުމަ ފެނިގެން ދިގު އަހަންމަދު ގޮވާލައިފި އެވެ. ފާތުމަގެ ހިތް ތެޅިލި އެވެ. އަހަންމަދުގެ ރާގު ހުރި ގޮތުން ހީވަނީ ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން އުޅޭހެންނެވެ.
"ދެންމެ މިސްކިތުން ފޭބިތަނާ ކާސިންކަލޯއާ ދިމާވެގެން ދިން އެއްޗެއް މީ." އަހަންމަދު ވާހަކަދެއްކިއިރު ބަލައިލީ ގެއާ ދިމާއަށެވެ.
އަހަންމަދު އަންބޮނޑި ނެގި އެއްޗެއް ފާތުމަގެ މުށަށް ލައިދިނެވެ. މުށް ހުޅުވާލިއިރު އެއީ ކުންނާރެކެވެ. ފާތުމަ ހައިރާންވެފައި އެއަށް ފުންކޮށް ބަލައިލި އެވެ. އެއީ އެއަވަށު މުދިންކަލޭގެ ގަހު ކުންނާރެކެވެ. އެގަސް ހުންނާނީ މުދިން ކަލޭގެ ގޭގެ ފޫޓު ތެރޭގައެވެ.
"އަދި ހަނދާންވެއްޖެ." އަހަންމަދު ހިނގައިގެންފައި ހުއްޓުނެވެ.
ފާތުމަ ހުރީ ބަލާށެވެ. މޫނުގައި ސުވާލު މާކު ތަކެކެވެ.
"ކާސިންކަލޯ ބުނީ ފަތިހު ހާ ގޮވާ ގަޑީގައޭ އެގަސްދޮށުން ކުންނާރެއް އަތުވާނީ." ދިގު އަހަންމަދު ބުނެދިނެވެ.
ފާތުމަ ވިސްނަމުން އެނބުރި ގޮސް އުނދޯއްޔަށް އަރައި ހެއްލަން ފެށި އެވެ.
***
އެރޭ ފާތުމަގެ އެކުވެރިން ބައި ހަދާފައި ހޯދަން އައެވެ. ކުރިއަށް އޮތް ޢީދު ދުވަހު ރިހަ ކައްކާނެ ހަވާދުގަނޑު ފުނޑަން އެންމެން ދައިތައް ބަރިޖަހާލައިގެން ތިއްބެވެ. ހުރިހާ އަންހެންވެރިން އެކުވުމުން އެތަނުގައި ނުދައްކާ ވާހަކައެއް ނެތެވެ. އެންމެ ފޯރީގައި އޮތީ ޢީދު ބޯކިބާ ފިހާ ވާހަކަ އެވެ. އެބޯކިބާތަކަށް ފާރަވެރިވެގެން ތިބި ފިރިހެންވެރިންގެ ފަރާތުން ރައްކާތެރި ކުރާނެ މޮޅެތި އުކުޅުތައް އެކަކު އަނެކަކާއި ހިއްސާ ކުރުން އޮތެވެ.
ޢީދު ދުވަހަށް ފިހާ ބޯކިބާ ވަގަށް ނަގައިގެން ގެންދިއުމަކީ އާދަކާދައިގެ ގޮތުން ކޮށް އުޅޭ ކަމެކެވެ. އެބޯކިބާ ފިހެ ނިމެން ކައިރިވުމުން ދެން ތިބެން ޖެހޭނީ ފާރައަށެވެ. ތަންވަޅަކަށް ވެސް ދުރަށް ޖެހިލައިފި ނަމަ ފާރައަށް ތިބޭ މީހުން ތެއްޔާއެކު ހިފައިގެން ހިނގައިދާނެ އެވެ. ތެލި ފެންނާނީ އެރޭގެ ފަހުގެ ވަގުތެއްގައި، ނޫނީ އަނެއް ދުވަހު ގެނެސް ބަހައްޓާފައި ހުއްޓަ އެވެ.
ފާތުމަ ގެއަށް ދިޔައިރު އަމާ އުޅެނީ ބޯކިބާ މޮޑެން ވެގެންނެވެ. ކުޑަ ކަނބުލޮ އޭރު އަމާގެ ފަސްބައިގައި ހިފައިގެން ރޮއެ އެވެ. ފާތުމަ ބޯކިބާ ފިހަން ލައިފާނެ ކަމަށް ބުނެފައި އަމާ ފޮނުވައިލި އެވެ.
ތެއްޔެއްގައި ގިތެޔޮ ހާކާފައި ،މޮޑެ ނިންމާފައި ހުރި ބޯކިބާ އެއަށްލައި ފަތުރައިލި އެވެ. އުނދުންމަތީ ތެލި ބަހައްޓާފައި އޭގެ މައްޗަކަށް ބޭއްވީ ހަތަރެސްކަނަށް ކަފާލައިފައި އޮތް ޑަބިޔާ ފަޅި އެކެވެ. ރަނގަޅަށް އަންދާފައި ހުރި އަލިފާންކޮޅުތައް އުނދުނު ތެރެއިން ނަގައި ޑަބިޔާފަޅި މަތީ އެތުރި އެވެ. ތެލީގައި އަޑީގައި ވެސް ފިހެވޭ ވަރަށް އަލިފާން ބެހެއްޓި އެވެ. އެއަށްފަހު ފާތުމަ ތެދުވެ ނިތުން ދާ ފުހެލައިފި އެވެ.
ފިނިކޮށްލަން ވެގެން ގޮސް ހަނދުވަރުގެ އަލި ފޯރާ ހިސާބުގައި ހުރި އުނދޯއްޔަށް އަރައި ހެއްލަން ފެށި އެވެ. އޭރު ވެސް ފާތުމަގެ ނަޒަރު ހުރީ ބަދިގޭ ދޮރާއި ދިމާއަށެވެ. އޭނަގެ ލޮލުގައި އަޅައިނުގަނެ ބަދިގެއަށް މީހަކަށް ވަދެ ނިކުމެވޭނެ ގޮތެއް ނޯންނާނެ އެވެ.
ގިނައިރުތަކެއް ނުވެ ބޯކިބާ ފިހެވޭ މީރުވަސް ދުވަން ފެށި އެވެ. ފާތުމަ އުނދޯލިން ފައިބައިގެން ގޮސް ތެލީގެ މަތި އެއްފަރާތް ކޮށްލައިފައި ބޯކިބާގެ މަތި ފިހެވިއްޖެތޯ ބަލައިލި އެވެ. ތަންކޮޅެއް ޅަ އެވެ. ފާތުމަ ނިންމީ އަދި ކުޑައިރުކޮޅެއް ވަންދެން އުނދުނމަތީ ތެލި ބެހެއްޓުމަށެވެ. އެހެން ހިތައި އަނބުރާލައިފައި ގޮސް އުނދޯލީގައި އިށީންނަނިކޮށް ދުރުން މީހަކު ގޮވާލައިފި އެވެ.
އެމީހެއްގެ އަޑު އައީ ކައިރީ ހުރި ބަނބުކެޔޮ ގަހުގެ ފުރަގަހުންނެވެ. އެހިސާބަށް އޮތީ ގަސްތަކުގެ ހިޔަނި އެޅިގެން އަނދިރިވެފަ އެވެ. ފާތުމަ ޖެހިލުންވި އެވެ.
"ކާކު؟" ގުޑުވާނުލާ ހުރެގެން ފާތުމަ ގޮވައިލި އެވެ.
އެވަގުތު ގަހުގެ ފުރަގަހުގައި ހުރި މީހާ ނިކުމެއްޖެ އެވެ. ހިތް އަވަސްވެފައި ފާތުމަ ހުއްޓާ އަލިވާ ހިސާބަށް އައިސް ހުއްޓުނީ ކާސިންކަލޯ އެވެ. ފާތުމަގެ ދެލޯ ބޮޑުވި އެވެ. ކާސިންކަލޯ ކީއްކުރަނީހޭ ކިޔާފައި އުޅުނީ އެތަނުން ދުރަށް ދާށެވެ. އެކަމަކު ކާސިންކަލޯ މާ ހުޝިޔާރެވެ. ފާތުމަ ދުރަށް ދާން ނެގި އެއްފިޔަވަޅާއެކު އަތުގައި ހިފައިފި އެވެ.
"އަޅެ އަހަރެން ދޫކޮށްލާ. އަންމަ ނިކުމެދާނެ. އައްޕަވެސް ވީ ބޭރަށް ގޮސް. މިހާރު އަންނާނެ ކަންނޭނގެ." ފާތުމަ އާދޭހާއެކު އެދުނެވެ.
ބިރުން ގޮސް ފާތުމަގެ ނިއްކުރީގައި ދާތިކިތައް ވިދަން ފަށައިފި އެވެ. މޭގަނޑު ނެގި ނެގިފައި ޖެހެނީ އެވެ. އަންމަ ނޫނީ އައްޕައަށް ފަޅާ އަރައިފިއްޔާ ކާސިންކަލޯއަށް ވާނެ ގޮތާއިމެދު މާ ކަންބޮޑުވި އެވެ.
"ކުންނާރު ލިބުނުތަ؟" ކާސިންކަލޯ ކުރީ މުޅިން އެހެން ސުވާލެކެވެ.
ފާތުމަގެ އާދޭހުގެ އަޑު އިވުނު ހެނެއް ހިއެއް ނުވެ އެވެ. ނޫނީ އަޅައިނުލީ އެވެ. ފާތުމަ އެވަގުތު ބޯޖަހައިލި އެވެ. ކާސިންކަލޯ އެދުނީ ހާ ގޮވާލުމުން ތެދުވެގެން ބޭރަށް ނިކުތުމަށެވެ. ފާތުމައަށް އެހެން ގޮތެއް އެވަގުތަކު ނުފެނުނެވެ. އެހެންވެ ބިރުން ހުރެ އެއްބަސްވި އެވެ.
ކާސިންކަލޯ އަތުން ދޫކޮށްލުމުން ދުވެފައި ދިޔައިރު ބަޔަކު ދުވެފައިދާތަން ފެނުނެވެ. ފާތުމައަށް ބަލައިލެވުނީ ބަދިގެ ތެރެއަށެވެ. ހުހަށް ހުރި އުނދުން ފެނިފައި ފާތުމައަށް ހަޅޭތްލަވައިގަނެވުނެވެ. އެއަޑު އަހާފައި ދޮންދަލޭކަ ދުވަމުން ނިކުމެއްޖެ އެވެ. ފާތުމަ ދެރަވެފައި ، ބޯކިބާ ވަގަށް ނެގި ވާހަކަ ކިޔައިދިނެވެ. އެކަމެއް ހިނގިއިރު ފާތުމަ ކޮބައިތޯ އަމާ އެހި އެވެ. ފާތުމަ ދޮގެއް ހަދައިލި އެވެ. ބުނީ ހޫނުވެގެން ގޮސް އުނދޯލީގައި އޮތްވާ ނިދުނީ ކަމަށެވެ. އަމާ އަނެއްކާ ވެސް ބޯކިބާ މޮޑެން ތައްޔާރުވި އެވެ. ފާތުމަ ކައިރީ ބުނީ ދެން ނިދަން ވަނުމަށެވެ.
ނިދަން އޮވެގެން ފާތުމަގެ ލޮލަށް އެރޭ ނިންޖެއް ނައެވެ. ކާސިންކަލޯގެ ހިޔާލުތަކުން ނިދި ވަނީ އުދުހިގެން ގޮއްސަ އެވެ. ހިތް އޮތީ އަވަސްވެފަ އެވެ. ކާސިންކަލޯ އެވަރަކުން ބައްދަލު ކޮށްގެން ދައްކަން އުޅެނީ ކޮން ވާހަކައެއް ބާވައޭ ހިތަށް އަރަމުން ދިޔަ އެވެ. ބައެއްފަހަރު އުފަލުން ހިތް ފޮޅެ އެވެ. އަނެއްބައި ފަހަރު ނުތަނަވަސް ވެގެން މެއަށް ބާރުވެ އެވެ. އެހާލެއްގައި ތެޅިތެޅި އޮތްވާ ފުރަތަމަ ހާ ގޮވައިލި އެވެ.
(ނުނިމޭ)
4 Responses
ބޮޑަށް މަންޒަރު ސިފަކޮޮއްލަދީ އަދިވެސް. ވ.ކުރީގެ ދިރިއުޅުން މަންޒަރު ކުރާ ހިތްވޭ.
Varah salhi.gehigen Anna Bai kiyaahithun keh madhuvefa
plx plx vvv avhah next part up khdheebala
Varah rythi adhi ehaame kiyaa hih vaa gothakah mi vaahaka liyefa mi othy.