ގްރޭޓަރ މާލެ ސަރަހައްދުގައި މި ހިނގާ މެއި މަހުގެ ކަރަންޓް ބިލް ތައްޔާރު ކުރުމަށްޓަކައި މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން މީޓަރުގެ ފޮޓޯ ފޮނުވައި ދިނުމަށް ސްޓެލްކޯއިން އެދިލައްވައިފިއެވެ.
ސްޓެލްކޯ އިން އިއްޔެ ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި މީޓަރުގެ ރީޑިންގ ނަގަން ގޭގެއަށްވަދެ އުޅުމަކީ ގޭގޭގައި އުޅޭ ފަރާތްތަކަށާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ރައްކާތެރި ގޮތެއް ނޫންކަމަށެވެ. އެހެން ކަމުން ނިމިދިޔަ އެޕްރީލް މަހުވެސް ރީޑިންގ ނަގާފައި ވާނީ މީޓަރުގެ ފޮޓޯ ފޮނުވައިގެން ކަމުގައި ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯ އިން ވިދާޅުވެފައިވަނީ ކޮވިޑް އާއި ގުޅިގެން މާލެ ސަރަހައްދުގެ ހާލަތު މިވަގުތު އިތުރަށް ގޯސްވެފައިވާތީ، މި ހިނގާ މެއި މަހުވެސް ބިލް ތައްޔާރު ކުރުމަށްޓަކައި، މީޓަރުގެ ފޮޓޯ މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް އެދޭކަމަށެވެ. އެގޮތުން ފޮޓޯ ފޮނުވުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ފޮޓޯ ފޮނުވުމުގެ ބަދަލުގައި ވެބް ޕޯޓަލް ބޭނުން ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން އެކުންފުނިން ވަނީ މި ޚާއްސަ ހާލަތުގައި ބިލަށް ފައިސާ ދެއްކުމަށް އެކުންފުނީގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރެއްވުމަށް އެދިލައްވާފައެވެ.




