ބަންގްލަދޭޝްގެ 67 ރައްޔިތަކު މިއަދު އަނބުރާ ޤައުމަށް ފޮނުވާލައިފި

ބަންގްލަދޭޝްގެ 67 ރައްޔިތަކު މިއަދު އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ބަންގްލަދޭޝްގެ 67 ރައްޔިތަކު މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަނބުރާ ޤައުމަށް ފޮނުވާލެވިފައިވާކަމަށެވެ. އަދި މިމީހުން ފޮނުވާލެވިފައިވަނީ ބަންގްލަދޭޝްގެ އެއަރފޯސް ފްލައިޓްގައިކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އަސްކަރީ މިމަތިންދާ ބޯޓު އިއްޔެގެ ވަގުތެއްގައި ރާއްޖެ އައިސްފައިވަނީ ދިހަ ޓަނުގެ ކާބޯތަކެތީގެ އެހީއާއެކުގައެވެ. މި މަތިންދާބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް މުގު، އަލުވި، ކުކިންގ އޮއިލް، ބަރަބޯ، ތޮރާ، ކަރާ އަދި އަލަނާސި އެވެ. މީގެ އިތުރުން މި ފްލައިޓްގައި ބޭހާއި ބައެއް ސިއްޙީ ސާމާނުވެސް ރާއްޖެއަށް ގެނެސްފައިވެއެވެ.

އަދި މިމަތިންބޯޓު އަނބުރާ ބަންގްލަދޭޝްއަށް ދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ 70 މީހަކު ގެންދަން ހަމަޖެހިފައިވާކަމަށްވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ގެ ބިރުވެރިކަން މިކުޑަކުޑަ ދިވެހިރާއްޖެއަށްވެސް ބޮޑުވެފައިވާއިރު، ރާއްޖެއިން މިވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ 1078 އަށް އަރާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭއިރު، އެންމެ ގިނައިން މި ބަލި ޖެހިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ