މޫސުމާބެހޭ ގައުމީ އިދާރާއިން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދު 13:00 އިން ފެށިގެން ހަވީރު 17:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި މި ސަރަހައްދަށް އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖޭއަށްވެސް މޫސުން ގޯސް ދުވަސް ވަރެއްކަމުން މޫސުމާބެހޭ ގައުމީ އިދާރާއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ. އަދި ޚާއްސަކޮށް ދެކުނު މޫސުން މިދުވަސްވަރު ގޯސް ކަމަށް މެޓް އޮފީހުން އަންނަނީ ބުނަމުންނެެ. އެގޮތުން މެޓް އޮފީހުން މިއަދު ހެނދުނުވެސް ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.
މިއަދުގެ މޫސުން ލަފާކޮށް މެތް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ދެކުނާއި މެދު ތެރޭގެ ބައެއް ރަށްތަކަށް ގުގުރާ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމުގައިވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ދަންނަވާފައެވެ.




