60 މޭލަށް ވައިގަދަވެ، މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާއި ހަމައަށް މިރޭ 20:30 އިން ފެށިގެން ދަންވަރު 00:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި މި ސަރަހައްދަށް އާންމު ގޮތެއްގައި ވައިޖެހޭނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށްވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
Alert Yellow for torrential rain, thunderstorms, strong winds of 28–35 mph and gusting to 55-60 mph with rough seas pic.twitter.com/3tnSYKjkqX
— Maldives Meteorology (@MetMaldives) May 18, 2020
ކުރިއަށްއޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ދެކުނާއި މެދު ތެރޭގެ ބައެއް ރަށްތަކަށް ގުގުރާ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ.
“ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވޭ.” މެޓްއޮފީހުން ވިދާޅުވިއެވެ.
މީގެއިތުރުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާކަމަށާއި، ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



