އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

މިހާލަތުގައި ގޭގައިި އީދުނަމާދު ކުރާނީ ކިހިނެއް؟

ރަމަޟާން މަހުގެ އަޅުކަމަށްފަހު މުސްލިމްތަކުންނާއި ބައްދަލުކުރާ އެންމެ އުފާވެރި ދުވަހަކީ ފިތުރު އީދު ދުވަހެވެ. މިދުވަހަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މުސްލިމުންނަށް ހާއްސަ ދުވަހެކެވެ. މިދުވަހުގައި ކުރުމަށް ހާއްސަ ކަންތައްތަކެއް ވާރިދުވެގެން އައިސްފައިވާއިރު މިދުވަސް ފެށެނީ ޖަމާއަތުގައި ކުރެވޭ އީދު ނަމާދުންނެވެ.

ނަމަވެސް، މިއަހަރަކީ މުޅި ދުނިޔެއަށްވެސް ތަފާތު އަހަރެކެވެ. ކޮވިޑް-19 ގެ ބިރުވެރިކަމާއެކު މުޅި ދުނިޔެ މިވަނީ ލޮކްޑައުންއަކަށް ގޮސްފައެވެ. މިހެންކަމުން ދީނީ މުނާސަބަތުތަކާއި އަޅުކަންތައް އަދާކުރުންވެސް މިއަދު އޮތީ ގޭގެ އަހުލުވެރިންނާއެކު ގޭގޭގައެވެ. މި ލިޔުމުގައި މި ބަލާލަނީ މިހާލަތުގައި ގޭގޭގައި އީދު ނަމާދުކުރާނެ ގޮތެވެ.

މިހާލަތުގައި ގޭގައި އީދު ނަމާދުކުރާނީ މައިދާނުގައި ނުވަތަ މިސްކިތުގައިވެސް އީދު ނަމާދުކުރާ ފަދައިންނެވެ. ނަމަވެސް އީދު ނަމާދުގެ ހުތުބާއަކީ ހާކިމާގެ އަމުރަށް ބޮޑު ޖަމާއަތެއްގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ދިނުމެއް ނޯންނާނެ އެވެ. އީދު ނަމާދުކުރާނީ ބަންގި ގޮވުމާއި ގަމާތް ދިނުމަކާނުލައެވެ. ގޭގައި އީދުނަމާދު އެކަނިވެސް ކުރެވޭނެއެވެ. ނަމަވެސް ގޭގެ އަހުލުންނާއެކު ޖަމާއަތުގައި ކުރުން އައުލާކަން ބޮޑުވެގެން ވެއެވެ.

ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރާނީ ތިރީގައިވާ ފަދައިންނެވެ.

  • އީދު ނަމާދަށް ނިޔަތްގަނެ ހަށަންބަން ތަކްބީރު ކިޔައި ހަށަންބަނދެ، ދުއާއަލް އިސްތިފްތާހު ކިޔުން
  • ހަށަންބަން ތަކްބީރު ފިޔަވައި ވިދިވިދިގެން ހަތް ތަކްބީރު ކިޔުން، ކޮންމެ ތަކްބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލުން
  • އެއަށްފަހު ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އައްލާ ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން
  • އެއަށްފަހު އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކްއަތް ފުރިހަމަ ކުރުމަށްފަހު ދެވަނަ ރަކްއަތަށް ތެދުވުން
  • ދެވަނަ ރަކްއަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން ފަސް ތަކްބީރް ކިޔުން، ކޮންމެ ތަކްބީރެއްގައިވެސް ދެއަތް ދެކޮނޑާއި ހަމައަށް އުފުލުން
  • ދެވަނަ ރަކްއަތުގައި ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް ޣާޝިޔާ، ނުވަތަ އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން
  • ދެވަނަ ރަކްއަތް ފުރިހަމަކޮށް، އައްތަހިއްޔާތު ކިޔުމަށްފަހު ސަލާމްދިނުން

އީދު ދުވަހަކީ އެކަކު އަނެއްކަކަށް ހެޔޮ ފޯރުކޮށްދީ އެއްގޭގައި ކައްކާ ތަކެތި އަނެއް ގެޔެއްގެ މީހުންނަށް ފޯރުކޮށްދޭ އެކުވެރިކަން ބަދަހިކުރާ ދުވަހެއް ނަމަވެސް މިކަންކަން ކުރުމުގައިވެސް މިފަހަރު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމެވެ. އަޅުގަނޑުމެން އެންމެންގެ ދުއާއަކީވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ބަލިމަޑުކަމުން އަވަސް މުސްތަގުބަލެއްގައި އަރައިގަތުމެވެ.

ނޯޓް: މި ލިޔުމުގައި ގޭގައި އީދު ނަމާދު ކުރާނެ ގޮތުގެ މައުލޫމާތު ގެނެސްދީފައި އެވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފޯރުކޮށްދީފައިވާ މައުލޫމާތު ތަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ