އަމްޕަން ތޫފާނުގެ ސަބަބުން އިންޑިއާގެ އެތައް މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ބޭއޮފް ބެންގޯލުގައި އުފެދިފައިވާ އަމްޕަން ނަމަކަށް ކިޔާ ކޮޅިގަނޑުގެ ބާރު ގަދަވެ މިހާރު ތޫފާނަކަށް ބަދަލުވެ އިންޑިއާއަށް އޭގެ އަސަރުކުރާނެ ކަމަށް ބެލެވޭތީވެ އިންޑިއާގެ އިރުމަތި އައްސޭރިފަށުގައި ދިރިއުޅޭ އެތައް މިލިއަން މީހުން ރައްކާތެރި ހިސާބުތަަކަށް ބަދަލުކޮށްފިއެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މާދަމާ މި ތޫފާން އިންޑިއާއަށް އަރާނެއެވެ. މިގޮތުން ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކުރާނެ ދެތަނެއްގެ ގޮތުގައި އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ވެސްޓް ބެންގޯލް އާއި އޮރިއްސާ ސުޓޭޓެވެ.

އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ތޫފާނުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ހިސާބުތަކަށް މިހާރުވަނީ ރިލީފް ޓީމްތައް ފޮނުވަން ފަށައިފައެވެ. މިގޮތުން 20 ޓީމެއް މިހާރު ފޮނުވައިފައިވާއިރު އިތުރު ޓީމުތައް ތައްޔާރީ ހާލަތުގައި އެބަތިބި ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

އަމްޕަން ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކުރާނެކަމަށް ބެލެވޭ ވެސްޓް ބެންގޯލް އާއި އޮރިއްސާ ސުޓޭޓަކީ ކޮވިޑް-19 އާއި ގުޅިގެން ގިނަބަޔަކު ހިޖުރަކުރަމުންދާ ސަރަހައްދުތައް ކަމަށް ވެއެވެ. އޮރިއްސާ ސްޓޭޓުން މިހާރުވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އެ ސްޓޭޓަށް އައްނަން ތާވަލް ކޮށްފައިވާ ރޭލު ދަތުރުތައް މެދުކަނޑާލައިފައެވެ.

އެމެރިކާގެ ޖޮއިންޓް ޓައިފޫން ވޯރނިން ސެންޓަރުން މައުލޫމާތު ދޭގޮތުގައި އަމްޕަން ތޫފާނުގައި ގަޑިއަކު 270 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި މި ތޫފާން އިންޑިއާގެ ސަރަހައްދުތަކަށް އަރާއިރު ވައިގެ ބާރުމިން މަޑުވިނަމަވެސް މިއީ ކެޓަގަރީ ހަތަރެއްގެ ތޫފާނެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބޭގޮތުގައި މިއީ މިހާ ބާރުގަދަ ތޫފާނެއް 1999 ވަނަ އަހަރަށްފަހު މިސަރަހައްދާ އަރާ ފުރަތަމަ ފަހަރެވެ. އެއަހަރު އޮރިއްސާ ސުޓޭޓަށް އެރި ތޫފާނުގައި 9،000 މީހުން މަރުވެފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ