ދައުލަތުގެ ކުންފުނިތަކުން ދަނީ މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދަމުން ކަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ވިދާޅުވެފައިވަނީ ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދަމުން ދިއުން އިތުރުވެފައިވާކަމީ، އެފަރާތުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.
ޓްރާންސްޕޭރަންސީ އިން މިހެން ވިދާޅުވެފައި މިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށްފައިވާ ސިޓީއެއް އާންމުވުމާއި ގުޅިގެން އެ ސިޓީ އާންމުކުރި މައްސަލަ ބަލައި ދިނުމަށް އެކުންފުނިން އެދިފައިވަނިކޮށެވެ. މީގެ އިތުރުން މި ސިޓީ އާންމުވުމާއި ގުޅިގެން އެކަން ކުރި ބަޔަކު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަނަބޮޑުވާ ކަމެއްކަމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެފައިވަނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫން ކަމަށެވެ.
މިކަމާއިގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވިދާޅުވީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، އެގާނޫނުގެ ދަށަށް އަންނަ ހުރިހާ މުއައްސަސާއަކުންވެސް، އެމުއައްސަސާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިސްނަގައިގެން ހާމަކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އެ ޖަމިއްޔާ އިތުރަށް ވިދާޅުވެފައިވަނީ 2017 ވަނަ އަހަރުގެ ޖަނަވަރީ އިން 2019 އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ހުރިހާ ކުންފުންޏަކަށް އާރްޓީއައި ފޯމްތައް ފޮނުވާފައިވާކަމަށާއި، އެގޮތުން ޖުމްލަ 29 ފޯމެއް އެޖަމިއްޔާ އިން ފޮނުވާފައިވާއިރު، އަނބުރާ ލިބިފައިވަނީ އެންމެ 11 ފޯމު ކަމަށެވެ.

މިކަމާއި ގުޅިގެން އެޖަމިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގުޅުންހުރި ކޮމިޓީތައް ހިމެނޭހެން މި ކަމާގުޅުން ހުރި ހުރިހާ މުއައްސަސާއަކުންވެސް މި ފަދަ ކުންފުނިތައް ޖަވާބުދާރީކުރުވުމަށް ގޮވާލައިފައެވެ.
އެޖަމިއްޔާ އިން ވިދާޅުވެފައިވަނީ މައުލޫމާތު ހޯދާލިބިގަތުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއްކަމަށެވެ.




