ބޭއޮފް ބެންގޯލުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ އިންޑިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކަލްކަތާއަށް ބޮޑެތި ގެއްލުންތަކެއްވެ 15 މީހުން މަރުވެއްޖެއެވެ.
އިންޑިއާއަށާއި ބަންގުލަދޭޝްގެ އައްސޭރިފަށުގެ ރައްތަކަށް މި ތޫފާން އަރައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ގަދަވަޔާ ވިއްސާރައިގެ ސަބަބުން މި ރައްތަކުގައިވާ އެތައްބަޔަކުވަނީ ހާލުގައި ޖެހިފައެވެ.
ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގެ މުއާސަލާތީ ހިދުމަތާއި ކަރަންޓުވެސްވަނީ މި ތޫފާނުގެ ސަބަބުން ކެންޑިގެން ގޮސްފައެވެ. އަދި މި ސިޓީން އެކަނިވެސް 14 މިލިއަން މީހަކުވަނީ ހާލުގައި ޖެހިފައެވެ.
ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރ މަމަތާ ބަނިރްޖީ ވިދާޅުވީ، ތޫފާނުގެ ސަބަބުން ލިބުނު ގެއްލުން ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ބޮޑު ކަމަށެވެ. ކަލްކަތާ ސިޓީއިން ކޮވިޑް-19 އަށް ތިންހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވެއެވެ.

ޕުރެސް ޓުރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީ އަށް މައުލޫމާތު ދެމުން ބަނިރްޖީ އިތުރަށް ވިދާޅުވީ، ތޫފާނުގެ އަސަރުކުރި ސަރަހައްދުތައްވަނީ އެކީއެކަށް ސުންނާފަތިވެފައި ކަމަށާއި އެސަރަހައްދުތަކުން ސިފަވަނީ ހަނގުރާމައެއް ކޮށްފައިއޮތްފަދަ މާހައުލެއް ކަމަށެވެ.
ބޭއޮފް ބެންގޯލުގައި އުފެދުނު ކޮޅިގަނޑު މިދިޔަ ހޮނިހިރު ދުވަހު ތޫފާނަކަށް ބަދަލުވެފައިވާއިރު އެޓްލާންޓިކް ކަނޑުގައި އާންމުކޮށް އުފެދޭ ތޫފާންތަކުގެ ނުރައްކާ އަންދާޒާކުރުމަށް ބޭނުންކުރެވޭ ކެޓެގަރީތަކުގައި ހިމެނޭ އެންމެ ނުރައްކާތެރި ގިންތިޔަށް މި ތޫފާން މިހާރު ވަނީ ވަރުގަދަވެފަ އެވެ.




