މީސްމީޑިއާގައި ވައިރަލްވި ގައިގޯޅި މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯއެއްގެ މައްސަލައިގައި ޕާކިސްތާނުގައި ދެބެންގެ ދެދަރި އަންހެން ދެކުދިން މަރާލި މީހާ ހައްޔަރުކޮށްފިއެވެ.
އުމުރުން 18 އަހަރާއި 16 އަހަރުގެ އަންހެން ދެކުދިން މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެކުދިންގެ ދެބެންގެ ދެދަރި ބޭބެއެއް ކަމަށްވާ މުހައްމަދު އަސްލަމްއެވެ. އަދި މިދެކުދިންގެ ވީޑިއޯކޮށް ލީކްކޮށްލި މީހާވެސް ފުލުހުން މިހާރުވަނީ ހައްޔަރުކޮށްފައެވެ.
މި ދެކުދިން މަރާލައިފައިވަނީ މިދިއަ ހަފްތާގެ ތެރޭގައި ޕާކިސްތާނުގެ އުތުރު ވަޒިރިސްތާނާއި އަދި ދެކުނު ވަޒިރިސްތާނާއި ގުޅޭ ބޯޑަރު ސަރަހައްދުގެ ރަށެއްގައެވެ. މިސަރަހައްދަކީ އެބައިމީހުންގެ އަމިއްލަ ގާނޫނާއި ގަވާއިދުތަކުގެ މަތިން ދިރިއުޅުން ބަހައްޓާ މައި ސަރުކާރުގެ ބާރު އެހާބޮޑަށް ނުހިނގާ ސަރަހައްދެކެވެ.
ވީޑިއޯއެއްގެ މައްސަލައިގައި ޕާކިސްތާނުގައި ދެއަންހެން ކުދިން މަރާލައިފިhttps://t.co/DfEiA8ZYWr
— Feshun (@feshunonline) May 17, 2020
މައުލޫމާތު ލިބޭގޮތުގައި އަންހެން ދެކުދިން މަރާލަން ޖެހުނު ވީޑިއޯއަކީ މީގެ އަހަރެއްކުރިން ނަގައިފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ފެންނަނީ ތިން އަންހެން ކުދިން ފިރެހެން ކުއްޖަކާއެކީ އުޅޭ ތަނެވެ. މި ވީޑިއޯއަކީ އަހަރެއް ކުރިން ނަގައިފައިވާ ވީޑިއޯއެއް ނަމަވެސް ވީޑިއޯ ވައިރަލް ވެގެން ގޮސްފައިވަނީ މިމަހުގެ ކުރީކޮޅެވެ.
ޕާކިސްތާނުގެ ގަބީލާ ސަރަހައްދު ތަކުގައި އާއިލާގެ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި މިފަދަ ކަންކަން ކުރާ ކުދިން މަރާލުމުގެ މައްސަލަތައް އާންމުކޮށް ހިނގައެވެ.




