ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ 69 ފަރާތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް 290000 ރުފިޔާ ހަރަދުކޮށްފި އެވެ.
މިހާރު ދަރުބާރުގޭގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބާރާހިމް އަމީރު ވިދާޅުވީ އެންސްޕާ މެދުވެރިކޮށް 69 ފަރާތަކަށް މިހާތަނަށް އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވާކަމަށެވެ. އެއީ ގާތްގަނޑަކަށް 290131 ރުފިޔާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
އިންކަމް ސަޕޯޓު އެލަވަންސަކީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ އެލަވަންސް އެކެވެ. އެގޮތުން އާމްދަނީ އަށް އަސަރު ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން) ނެވެ.
އެގޮތުން ސަރުކާރުން ނިންމާފައިވަނީ އިންކަމް ސަޕޯޓުގެ ގޮތުގައި މިފަރާތްތަކަށް 5000 ރުފިޔާގެ އެލަވަންސް އެއް ދިނުމަށެވެ. އެގޮތުން މުސާރައިގެ ވަކި ޕަސެންޓެއް ލިބޭ ފަރާތްތަަކަށް 5000 ރުފޔާ ހަމަވުމަށް މަދުވާ އަދަދު ސަރުކާރުން ދޭނެ އެވެ.
ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އެއީ މިދިޔަ އޭޕްރިލް މަހާއި މެއި އަދި ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ހާލަތާއި ގުޅޭ ގޮތުން މީގެ މުއްދަތު އިތުރުކުރައްވަން ޖެހިވަޑައިގަންނަވާނަމަ އެކަން ކުރައްވާނެ ކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެއެވެ.




