ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ | ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް މިރޭވެސް ބައްވާނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ 21:00 ގައި ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ޤާނޫނު އަސާސީ އަށް 5 ވަނަ އިސްލާޙު ގެނައުމުގެ މައްސަލައާއި ގުޅޭ ގޮތުން ބަހުސް ކުރުމަށް މިރޭ 21:00 ގައި ޖަލްސާއެއް ބޭއްވާނެ ކަމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިޢުލާން ކުރައްވާފައެވެ.

މިރޭގެ ޖަލްސާގައި ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ޤާނޫނު އަސާސީއަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބިލުގެ ބަހުސް ގެ އިތުރުން އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ މިއަދު ހުށަހެޅުއްވި ގަރާރުގެ މަސަައްކަތް ކުރިޔަށް ގެންދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ރައްތައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ލަސްކުރެވިފައިވާއިރު މިހާރު ތިބި ކައުންސިލަރުންގެ ދަޢުރާ މެދު ގޮތެއް ނިންމުމުގައި ސްޕްރީމް ކޯޓުގެ ލަފައަކަށް އެދުމަށް ނަޝީދު ވަނީ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީ އިސްލާޙް ނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ބުނަމުންދާއިރު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނީ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބު އިސްލާހު ކޮށްގެން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ