ނިމިގެންދިޔަ މާވެލްގެ އެވެންޖަރސް ފިލްމްތަކުން ފެނިގެންދިޔަ އެންމެންގެ އެންމެ މަޤުބޫލު އެވެންޖާރ އަކީ "ކެޕްޓަން އެމެރިކާ" އެވެ. އަދި މިއީ މާވެލް ސިނަމެޓިކް ޔުނިވަރސްގެ އެންމެ ފުރަތަމަ އެވެންޖާއެވެ. 2011 ވަނަ އަހަރު ކެޕްޓަން އެމެރިކާ ފެނިގެންދިޔަ ފުރަތަމަ ފިލްމް "ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖާ" އިން ފެށިގެން އެ ރޯލު ކުޅެމުން އައީ ކާމިޔާބު އެކްޓަރު "ކްރިސް އެވަންސް" އެވެ. އަދި އެވެންޖާރސް ފޭސް އެކެއް ނިމިގެން ދިޔައިރުވެސް މި ރޯލު ކުޅުނީ ހަމަ ކްރިސް އެވެ.
މި ރޯލަކީ، ކްރިސް އަށް އޭނަގެ އެކްޓިން ކެރިއާގައި އެންމެ ބޮޑު މަޝްހޫރުކަމެއް ލިބި ކުރިއަރައިގެން ދިޔަ ސަބަބެވެ. ނަމަވެސް ކްރިސް ބުނި ގޮތުގައި ދިމާވި ސަބަބަކާއި ގުޅިގެން އެންމެ ފުރަތަމަ މި ރޯލު ދޫކޮށްލަން އޭނާ ވިސްނިއެވެ.
ދާދިފަހަކުން ހޮލީވުޑްގެ ރިޕޯޓަރ އަކަށް ކްރިސް ދިން އިންޓަވިއުއެއްގައި ބުނީ، ކެޕްޓަން އެމެރިކާގެ ރޯލު ކުޅެން އޭނާއަށް ފުރުސަތު ލިބުނުއިރު އޭނަ އޭރު ހުރި ހާލަތުން އެ ރޯލު އަދާކުރަން ފަސްޖެހުނުކަމަށެވެ. ކްރިސް ބުނީ، މި ރޯލު އަދާކުރުމަށް ފުރުސަތު ލިބުނު ދުވަސްވަރަކީ، ވަރަށް ބޮޑަށް އެންޒައިޓީއާއި ކުރިމަތިލި ދުވަސްވަރެއްކަމަށެވެ. އަދި އެ ދުވަސްވަރު ވިސްނައިގެން ހުރީ އެކްޓިން ކެރިއާ ވެސް ދޫކޮށްލަން ކަމަށް ކްރިސް ބުންޏެވެ.

ކްރިސް ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ އެންޒައިޓީ ތަހައްމަލު ކުރީ، 2007 ވަނަ އަހަރު ހޮލީވުޑްއަށް ނުކުމެ އޭނަގެ ފުރަތަމަ ފިލްމުގައި މަސައްކަތް ކުރި ދުވަސްވަރު ކަމަށެވެ. އަދި އޭގެ ފަހުން އެންޒައިޓީގެ ތެރެއިން ޕެނިކް އެޓޭކް ފަދަ ކަންކަން އޭނަ އަށް އެންމެ ފުރަތަމަ ކުރިމަތިވާން ފެށީ 2010 ވަނަ އަހަރު ފިލްމް "ޕަންޗާރ" ގައި މަސައްކަތް ކުރި ދުވަސްވަރުއެވެ. އަދި މުޅިއަކު 7 އަހަރު ވަންދެން އެންޒައިޓީ ތަހައްމަލު ކުރި ކަމަށް އޭނާ ބުންޏެވެ. އަދި އެކްޓިން ކެރިއާ ދޫކޮށްލާ، އެކްޓިން އަކީ އޭނައަށް އެންމެ އެކަށީގެންވާ ކެރިއާ ނޫންކަމަށް ވިސްނި ކަމުގައިވެސް ކްރިސް ބުންޏެވެ.
އެގޮތުން 2010 ވަނަ އަހަރު މާވެލްއިން ކެޕްޓަން އެމެރިކާގެ ރޯލު ކްރިސް އަށް ހުށައެޅިއިރު، އެންމެ ފުރަތަމަ އޭނާ އެ ފުރުސަތަށް ބުނީ ނޫނެކޭއެވެ. ނަމަވެސް އަނެއްކާވެސް މާވެލް އިން އެނބުރި އައިސް އެ ރޯލު ހުށައެޅުމުން، އޭނަގެ ތެރަޕިސްޓްގެ ލަފަޔާއި، އަދި އާއިލާ މީހުންނާއި ވާހަކަ ދެއްކުމަށްފަހު ރޯލު ކުޅެން އެއްބަސްވީއެވެ. އަދި މާވެލްގެ "އަޔަން މޭން" ރޯލުން ފެނިގެންދިޔަ ތަރި ރޮބަރޓް ޑައުނީ އާއިވެސް މަޝްވަރާކުރިކަމަށް ކްރިސް ހާމަކުރިއެވެ.
ކްރިސް ބުނީ، މި ރޯލު އަދާކުރަން އެއްބަސް ވުމަކީ، އޭނަގެ މުޅި ހަޔާތުގައިވެސް ނިންމި އެންމެ ރަނގަޅު ނިންމުންކަމަށެވެ. އަދި މާވެލްގެ ޗީފް ކެވިން ފެއިގް އަށް ކްރިސްވަނީ، ޝުކުރުވެސް އަދާކޮށްފައެވެ.




