ފުރާންސުން ކެފޭ، ބާ، އަދި ރެސްޓޯރެންޓުތައް ހުޅުވުމުގެ ހުއްދަދެނީ

ކޮވިޑް-19 އާއި ގުޅިގެން ފުރާންސްގައި ހިދުމަތް ދިނުން މަނާކޮށްފައިވާ ކެފޭ، ބާ، އަދި ރެސްޓޯރެންޓުތައް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ނިންމައިފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު އެޑުވާޑް ފިލިޕް ވިދާޅުވެއްޖެއެވެ.

މީގެއިތުރުން 100 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކޮށް ދިއުން މަނާކޮށްފައި އޮތް އޮތުންވެސް މިހާރުވަނީ ފުރާންސްގައި އުވާލައިފައެވެ. ނަމަވެސް، ބާތަކުގައި 10 މީހުންނަށްވުރެ ގިނައިން އެއްވުން އަދިވެސްވަނީ މަނާކޮށްފައެވެ.

ފުރާންސުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތައް ނިސްބަތުން މިހާރު މަދުވާން ފަށައިފައިވާއިރު އެގައުމުގައި ދުވާލެއްގެ ތެރޭގައި މިބަލީގައި މަރުވާ ނިސްބަތްވެސްވަނީ ވަރަށް ބޮޑުތަން މަދުވެގެން ގޮސްފައެވެ. މިގޮތުން، ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުވަނީ 100 އަށްވުރެ ތިރިކުރެވިފައެވެ. ފާއިތުވެދިޔަ ހަތްދުވަހު ފުރާންސުގައި މިބަލީގައި ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު އުޅެނީ 100 އަށްވުރެ ދަށުގައެވެ.

ފުރާންސުން ކޮވިޑް-19 އަށް ޖުމްލަ 182,913 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. އަދި މިބަލިން މިހާތަނަށް 66,584 މީހުން ރަނގަޅުވެފައިވާއިރު 28,596 މީހަކުވަނީ މިބަލީގައި މަރުވެފައެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރާންސުގެ ބޯޑަރު ވިލާތުގެ އިއްތިހާދުގެ އެހެން ގައުމުތަކަށް ހުޅުވާލުމުގެ މަޝްވަރާވެސް އެގައުމުގެ ސަރުކާރުންދަނީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ