ފެންބޮޑުވެދާނެކަމަށް ލަފާކޮށް ބޮޑުތިލަދުންމައްޗަށް އޮރެންޖް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހި، ފެންބޮޑުވެދާނެކަމަށް ލަފާކޮށް ބޮޑުތިލަދުންމައްޗަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރެފައިވަނީ ހއ.، ހދ.، އަދި ށ. އަތޮޅަށެވެ.

މިއަދު އިރުއޮއްސި 06:30 އިން މިރޭ 08:00 އަށް ނެރެފައިވާ އޮރެންޖް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޮޑުތިލަދުންމައްޗަށް އޮރެންޖް އެލާޓް ނެރުނުއިރު، ގއ. އަތޮޅުން އައްޑޫ ސިޓީއަށް އިރުއޮއްސި 06:00 އިން މިރޭ 10:00 އަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.

މީގެ އިތުރުން މިއަދު ހަވީރު 04:30 އިން މިރޭ 20:00 އަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ.

މާދަމާ ހެނދުނު 10:00 ގެ ނިޔަލަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުނިނުގައި ވައި ޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކުރެވޭއިރު، ހުރިހާ ފަރާތްތަކުންމޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ