ކޮވިޑް-19 އާއި ގުޅިގެން ސުކޫލްތައް ބަންދުކުރުމަށްފަހު މިހަފްތާގައި ހުޅުވި ނަމަވެސް އަނެއްކާވެސް ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުން ސައުތު ކޮރެއާގެ ސުކޫލްތައް ބަންދުކޮށްފިއެވެ.
ސުކޫލްތައް ހުޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސުކޫލްތައް ބަންދުކޮށްފައިވަނީ ފާއިތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ދުވާލެއްގެ ތެރޭ ކޮވިޑް-19 އަށް މީހުން ޕޮޒިޓިވް ނުވާހާ މިންވަރަށް އެއްދުވަހުގެ ތެރޭގައި ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މިގޮތުން އެއްދުވަހުގެ ތެރޭގައިވަނީ 79 މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.
މި 79 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޑިސްޓިރިބިއުޓިން ސެންޓަރެއްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. މި ޑިސްޓިރިބިއުޝަން ސެންޓަރަކީ އީކޮމާސްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ ޑިސްޓިރިބިއުޝަން ސެންޓަރެއް ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އަދި މި ކުންފުނިން ސަރުކާރުން އެކުލަވާލައިފައިވާ ގަވާއިދުތަކަށް އަމަލުކޮށްފައި ނުވާކަންވެސް އޮފިޝަލުން ފާހަގަ ކުރެއެވެ.
ސައުތު ކޮރެއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ އެ ކުންފުނީގެ އެތައްހާސް މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފައެވެ. މިހެންކަމުން، ކޮވިޑް-19 އަށް ސައުތުކޮރެއާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރުވުން އެކަށީގެން ވެއެވެ.
ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން 251 ސުކޫލެއް މިހާތަނަށްވަނީ ބަންދުކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހުޅުވަން ތައްޔާރުވަމުންދާ ގިނަ ސުކޫލްތަކެއްވެސްވަނީ ހުޅުވުން ފަސްކޮށްފައެވެ.
ސައުތު ކޮރެއާއިން ކޮވިޑް-19 އަށް 11,402 މީހުންވަނީ މިހާތަނަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި ސައުތު ކޮރެއާއިން 269 މީހުންވަނީ މަރުވެފައެވެ.




