ދެކުނު ކޮރެއާ އާއި ދެކޮޅަށް އަސްކަރީ ފިޔަވަޅު ނޭޅުމަށް އުތުރު ކޮރެއާއިން ނިންމައިފައި ވާކަމަށް އެގައުމުގެ ރަސްމީ މީޑިއާއިން ބުނެފިއެވެ.
އުތުރު ކޮރެއާގެ ރަސްމީ މީޑިއާއިން ބުނެފައިވަނީ އެގައުމުން މިގޮތަށް ނިންމައިފައިވަނީ އެގައުމުގެ ލީޑަރު ކިމް ޖުން އުން ބައިވެރިވެ ވަޑައިގެން ބައްދަލުވުމަކުން ކަމަށެވެ. އަދި މިގޮތަށް ނިންމީ ދެކޮރެއާގެ މަސްރަހު ފިނިކުރުމަށްޓަކައި ކަމަށެވެ.
ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ދެކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ. ދެކޮރެއާގެ ގުޅުން ހީނަރުވެގެން ގޮސްފައިވަނީ ދެކުނު ކޮރެއާގެ އެކްޓިވިސްޓުން ބެލޫން ބޭނުން ކޮށްގެން އުތުރު ކޮރެއާ ސަރުކާރާއި ދެކޮޅަށް ލިޔެފައިވާ ލިޔުންތައް އުތުރު ކޮރެއާ އަށް ފޮނުވާ މައްސަލައިގައެވެ.
އުތުރު ކޮރެއާއިން މި އަމަލު ސިފަކޮށްފައިވަނީ އެގައުމުގެ ސަރުކާރާއި ދެކޮޅަށްދޭ ހަމަލާތަކެއްގެ ގޮތުގައެވެ. އަދި ދެކުނު ކޮރެއާއިން މި އަމަލުތައް ނުހުއްޓުވާނަމަ އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖުން އުންގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގްވަނީ ދެއްވައިފައެވެ.
މިމައްސަލައިގައި ދެގައުމުގެ މަސްރަހު ގޯސްވެ ބޯޑަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ލިއޭޒަން އޮފީސްވެސް އުތުރު ކޮރެއާއިންވަނީ ގޮއްވާލައިފައެވެ. އަދި ބޯޑަރު ސަރަހައްދަށް އިތުރު ސިފައިންވެސް ޖަމާކޮށްފައި ވެއެވެ.




