މިރޭވެސް ރާއްޖޭގެ އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން ބުނީ، މިރެއިން ފެށިގެން މާދަމާގެ 06:00 އާއި ދެމެދު އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި މެދުތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް، ދެކުނުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާއިބެހޭ އިދާރާއިންވަނީ ހާމަކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން އެއިދާރާއިން ބުނީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، އެހެންނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ. އަދި ކަނޑުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓުގެ ދެމެދުގައިކަމަށެވެ.




