ރައްޔިތުން މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް - ފޮޓޯ: ދިޔަރެސް

ވިލިމާލޭ ފަރު ހިމާޔަތްކޮށްދިނުމަށްއެދި މެންބަރު އުޝާމް މަޖިލީހަށް

ވިލިމާލޭ ފަރު ހިމާޔަތްކޮށްދިނުމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް މަޖިލީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސްކުރައް އުޝާމް ފޮނުއްވި ސިޓީގައި ވިދާޅުވީ، ގުޅީފަޅު ޕޯޓްހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ވިލިމާލެއާ އިންވެގެން އޮންނަ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބޮސްކާލިސް ކިޔާ ކުންފުންޏަކާ ޙަވާލުކޮށް، އެކުންފުނީގެ ފަރާތުން މިހާރުވަނީ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާކަމަާއި، މި މަސައްކަތް ފެށުމާ ގުޅިގެން ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ފާހަގަކުރެވޭކަމަށެވެ.

އެގޮތުން، ގުޅިފަޅު ކޮންނަން ފެށި ދުވަހުން ފެށިގެން، އެ މަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލޭގެ ފަރު މައްޗަށް ޖަމާވަމުންދާކަން ވަނީ ފާހަގަކުރެވިފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި މިކަން މިހެންވާނެކަމަށް މި ޕްރޮޖެކްޓާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އީއައިއޭ ރިޕޯޓުގައިވެސް ބަޔާންކޮށްފައިވާކަމަށާއި، މިކަން ހުއްޓުވުމަށްޓަކައި ނުވަތަ މިކަމުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އެޅުމަށް އީއައިއޭ ރިޕޯޓުގައި ލަފާދީފައިވާއިރު، ބޮސްކާލިސްގެ ފަރާތުން ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިކަހަލަ އެއްވެސް ފިޔަވަޅެއް އެޅުމަށްފަހުގައި ނޫންކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން އިއާދަނުކުރެވޭނެ ގެއްލުންތަކެއް ވިލިމާލޭ ފަރަށް ލިބެމުންދާކަމަށް މިކަމުގެ ތަޖުރިބާކާރު ބޭފުޅުން އަންނަނީ ހާމަކުރަމުން." އަޙްމަދު އުޝާމްގެ ސިޓީގައިވެއެވެ.

އެހެންކަމުން މިމައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި، ފިޔަވަޅު އަޅުއްވަންޖެހޭ މައްސަލައެއްކަމަށް ދެކޭތީ، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީތަކުން ބައްލަވައި ދެއްވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުން އެދި ދެންނެވީކަމުގައި އުޝާމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ