ލުއިތަކާއެކު ރޭލުގެ ހިދުމަތް ހޯދުމަށް އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެއްޖެ

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތަކެއްދޭން ފަށައިފައިވާއިރު މިއަދުވަނީ ބަޔެއް ރޭލުގެ ހިދުމަތްތައްވެސްދޭން ފަށައިފައެވެ.

ރޭލުގެ ހިދުމަތްތައް ދޭން ފެށުމާއެކު މިއަދުވަނީ އެހިދުމަތް ލިބުގަތުމަށް ގިނަ އަދަދެއްގެ ބަޔަކު ރެއިލް ސްޓޭޝަންތަކަށް ޖަމާވާން ފަށައިފައެވެ. މިގޮތުން 145،000 ވުރެ ގިނަ މީހުން ރެއިލްތަކުގައި މިއަދު ދަތުރުކޮށްފައިވާނެކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.

މީގެ ކުރިން 30 ރެއިލް އެއްގެ ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާއިރު މިއަދުވަނީ އިތުރު 200 ރެއިލްގެ ދަތުރުތައް ފެށުމަށް ހުއްދަދީފައެވެ. އިންޑިއާ ސަރުކާރުން މިހުއްދަތައް ދެމުން އަންނަނީ ހާއްސަ އުސޫލުތަކެއްގެ ތެރެއިންނެވެ. މިގޮތުން އިޖުތިމާއީ ގައިދުރުކަމާއި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގައިފައި ވެއެވެ.

ނަމަވެސް، ރެއިލްގެ ހިދުމަތް ހޯދުމަށް ޖަމާވި ގިނަ އަދަދެއްގެ ފަރާތްތަކުގެ ސަބަބުން ސަރުކާރުން ކަނޑައަޅައިފައިވާ ރައްކާތެރިކަމުގެ އުސޫލުތައް ތަންފީޒް ކުރެވިފައި ނުވާކަމަށް ޚަބަރުތައް ލިބެއެވެ.

ދިއްލީގައި ހަރަކާތްތެރިވާ ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ނޫސްވެރިންނާއި ހަވާލާދީ އެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ރެއިލްތަކަށް ފަސިންޖަރުން އެރުމުގެ ހުއްދަ ހަމައެކަނި ދީފައިވަނީ ފޭސްމަސްކް އަޅައިފައިވާ ފަރާތްތަކަށެވެ. އަދި ސްޓޭޝަންގެ ތެރެއަށް މީހުން ވަނުމުގެ ހުއްދަ ދީފައިވަނީ ރެއިލްގެ ދަތުރު ފެށުމުގެ އެއްގަޑިއިރުގެ ކުރިންނެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންވަނީ ރެއިލް ސްޓޭޝަންތަކުގެ ބޭރުގައި ތޮއްޖެހިފައެވެ.

އިންޑިއާގެ މަމޮތް ރެއިލްވޭ ނެޓްވޯކުން ދުވާލެއްގެ މައްޗަށް 25 މިލިއަން ފަސިންޖަރުން އާންމު ގޮތެއްގައި އުފުލައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ