ރައްޔިތުންގެ މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހުރެގެން ނުވާނެ ކަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.
ޙަސަން ލަޠީފް މިހެން ވިދާޅުވެފައި މިވަނީ ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޤާނޫނު އަސާސީ އސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތައް ބައްލަވައި އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.
އެގޮތުން އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން އަންނަ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ސަރުކާރުން ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާއެކު ހިންގުމަށް މުޙިންމު އިސްކަމެއް ދީފައިވާކަމަށާއި، އެގޮތުން މިނިވަން މުއައްސަސާތައް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެކަމަށެވެ.
ނަމަވެސް މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ފުލުހުންނަށް ހުށަހަޅާފައިވާތީ، އެކަން އިންސާފުވެރިކަމާއެކު ތަހުގީގު ކުރާނެ ކަމަށާއި، އަދި ހުރިހާ ފަރާތަކަށްވެސް އިންސާފު ހޯދައްވައި ދެއްވާނެކަމުގައި އިމްރާން ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން އިމްރާން އަށް ފާޑުވިދާޅުވެ ޙަސަން ލަޠީފް ވިދާޅުވެފައިވަނީ ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ. އަދި މަޖިލީހުގެ ނިޒާމްއަށް ހުރަސްއަޅައި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިޚް އިމްރާން ޢަބްދުﷲ ގެ ހުރެގެން ނުވާނެކަމުގައިވެސް ޙަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.