ސްޓެލްކޯ ހެޑްއޮފީސް - ފޮޓޯ: މިހާރު

ޖޫންމަހުގެ ބިލް ހެދުމަށް ރީޑިންގ ނަގަން ސްޓެލްކޯގެ މުވައްޒަފުން ގެތަކަށް ދާނެ

މިހިނގާ ޖޫންމަހުގެ ރީޑިންގ ނެގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މުވައްޒަފުން ގޭގެއަށް ދާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތުގައި ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފާއިތުވި ދެ މަހުވެސް ބިލްހަދަމުން އައިސްފައިވަނީ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށް ކަމަށެވެ.

އެހެންނަމަވެސް، ވެބް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ކަން މިހެން ހުރުމާއިއެކު، ސަރުކާރުގެ ފަރާތުން ފުރަބަންދަށް ލުއިތަކެއްދީފައިވާތީ، މިހިނގާ ޖޫން މަހުގެ ބިލް ހެދުމަށްޓަކައި ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ.

"ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން މިކުންފުނިން މިހާރު ވަނީ ނިންމާފަ އެވެ. އެގޮތުގެ މަތިން މިއަދުން ފެށިގެން މިކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ރީޑިންގ ނަގަމުންގެންދާނެ ވާހަކަ އެންމެހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް މިހާލަތާ ގުޅިގެން ވަދެނުކުމެވުމުގައި ދަތި ތަންތަނަށް ބިލްހަދަމުންދާނީ  ވެބްޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށް ކަމަށާއި ފޮޓޯ ފޮނުވަން ޖެހޭ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގަމުން ގެންދާނެ ކަމަށްވެސް ސްޓެލްކޯގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ