ޖުވާކުޅުމުގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި ހިމާރު ދޫކޮށްލައިފި

ޕާކިސްތާނުގައި ހިނގި ޖުވާކުޅުމުގެ ހާދިސާއަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށްގެނަ ހިމާރެއް ކޯޓުގެ އަމުރާއެކު ދޫކޮށްލައިފިއެވެ.

ޕާކިސްތާނުގެ ދެކުނުގެ ފަގީރު ހިސާބެއްގައި ހިނގި މިހާދިސާގައި ހިމާރު ބޭނުން ކޮށްފައިވަނީ ރޭސް ޖަހައި ބެޓު ކުރުމުގެ ގޮތުންނެވެ. މިގޮތުން ޖުވާކުޅުމުގައި ބައިވެރިވި މީހުންވަނީ ހިމާރު ވަކި މިނެއްޓެއްގެ ތެރޭގައި އެމީހުން ބުނާ ސަރަހައްދަކަށް ދަތުރު ކޮށްފިނަމަ ވަކި އަދަދަކުން ރުފިޔާ ދިނުމަށް އެކަން އިންތިޒާމްކުރި ފަރާތައް ބެޓު ކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން ޖުވާކުޅުމުގައި ބައިވެރިވި އަށްމީހަކުވެސްވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. ނަމަވެސް، މިމީހުންވަނީ ކަފާލާތުގެ ދަށުން ހަމަ އެދުވަހު ދޫކޮށްލައިފައެވެ. ނަމަވެސް ފުލުހުން އެމައްސަލައިގައި ހައްޔަރުކުރި ހިމާރުވަނީ ގާނޫނީ ސަބަބުތަކާއިހުރެ ދޫކޮށް ނުލައެވެ.

މިމައްސަލަ މީޑިއާގެ ސަމާލުކަމަށް އައިސް ފުލުހުން ހިމާރު ހައްޔަރުކޮށްފައިވާ ޚަބަރުގެ ރިޕޯޓްތައް މީޑިއާތަކުން ކުރަން ފެށުމުން ކޯޓު އަމުރުގެ ދަށުން ދޫކޮށްލައިފައެވެ. މި ހިމާރު ފުލުހުން ދޫކޮށްލައިފައިވަނީ ހަތަރު ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ފަހުއެވެ. ހިމާރަކީ އާންމުކޮށް ފަގީރު ހިސާބުތަކުގައި މުދާ އުފުލަން ބޭނުންކުރާ ސަވާރީއެކެވެ.

ޕާކިސްތާނުގައި ހިމާރުފަދަ އެއްޗެހީގެ ރޭސްތައް ބާއްވައި އެތަކެއްޗަށް ބެޓުކޮށް ޖުވާކުޅުމަކީ މަނާކަމެއް ނަމަވެސް މިފަދަ ކަންތައްތައް އަންނަނީ ސިއްރިއްޔާތުގައި އާންމުކޮށް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ