މޫސުން ގޯސްވެ މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ

މޫސުން ގޯސްވެ ހދ.މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މޫސުން ގޯސްވެ ހާލުގައި ޖެހިގެން ހދ.މާވައިދޫއަށް ކާށި ހޮވަން ދިޔަ ބަޔަކަށް އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.

މި ހާދިސާގައި މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ހދ.ކުމުންދޫއިން މާވައިދޫއަށް ކާށި ހޮވަން ދިޔަ 10 މީހެއްކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި މި މީހުންގެ ތެރޭގައި ހިމެނެނީ 7 ފިރިހެންނުންނާއި 3 އަންހެނުންނެވެ. އަދި މި މީހުން ހދ.ކުމުންދޫއަށް އެނބުރި ނުދެވިފައިތިބީ މޫސުން ގޯސްވެ ކަނޑުގަދަވުމާ ގުޅިގެން ދަތުރު ނުކުރެވިގެންކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 17:35 ހާއިރުކަމަށެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެއްކަމުން މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ. އަދި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްއިންވެސްވަނީ އިލްތިމާސްކޮށްފައެވެ. އަދި މިދުވަސްވަރު ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ