އެމެރިކާގައި އެގައުމުގެ ފުލުހުން ބަޑިން ހަމަލާދީ ކަޅު ނަސްލުގެ އިތުރު މީހަކު މަރާލައިފައެވެ.
މިހާދިސާ ހިނގައިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޓޭކްއަވޭ ރެސްޓޯރެންޓެއްގެ ބޭރުގައި ފުލުހުންނާއި، އުމުރުން 27 އަހަރުގެ ރޭޝާޑް ބްރޫކްސް ނަމަކަށްކިޔާ ކަޅު ނަސްލުގެ ޒުވާނަކާއި ދެމެދު ހިނގި ކުރިމަތި ލުމެއްގައެވެ.
މީސްމީޑިއާ ވެބްސައިޓިތަކުގައި ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަނީ ބްރޫކްސް ފުލުސް މީހެއްގެ ޓޭޒާ ގަން އެއް ހިފައިގެން ދުއްވައި ގަންނަ ތަނެވެ. ބްރޫކްސް ދުއްވައި ގަތުމުން އެ ސީންގައި ހަރަކާތްތެރިވި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކުވަނީ ބަޑިން ހަމަލާދީ ބްރޫކްސް މަރާލައިފައެވެ. މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގިއިރު ބްރޫކްސް ހުރީ މަސްތުގެ ހާލަތުގައެވެ.
މި މަރާއި ގުޅިގެން އެޓްލާންޓާގައި ވަނީ މުޒާހަރާތައް ކުރަން ފަށައިފަ އެވެ. އަދި މިހާދިސާއާއި ގުޅިގެން އެ ސިޓީގެ ފުލުހުންގެ ވެރިޔާ އެރިކާ ޝީލްޑްސްވަނީ މަގާމުން އިސްތިއުފާ ދީފައެވެ.
އެމެރިކާގައި ކަޅު ނަސްލުގެ މީހަކަށް ބަޑިން ހަމަލާދީ ފުލުހުން މަރާލައިފައި މިވަނީ މެއި 25 ވަނަ ދުވަހު ކަޅު ނަސްލަށް ނިސްބަތްވާ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ފުލުހަކު ކަކުލުން އަރައި މަރާލި މައްސަލަ ބޮޑުވެ މުޅި އެމެރިކާގައާއި އަދި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.




