މުޅިދުނިޔެ ސިއްސުވާލި، ބިރުވެރި ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 8 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލައިލާއިރު މުޅިދުނިޔެއިން މިބައްޔަށް މިހާތަނަށްވަނީ 8,049,614 މީހުން ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 436,682 މީހުން މަރުވެފައިވާއިރު މިބަލިން ރަނގަޅުވެފައިވަނީ 4,154,437 މީހުންނެވެ. އަދި މިވަގުތު މިބައްޔަށް ޕޮޒިޓިވުވެ ފަރުވާ ދެމުންދަނީ 3,458,493 މީހުންނަށެވެ.
މިބަލީގައި ފަރުވާދެމުންދާއިރު މީހުންގެ ތެރެއިން 54,576 މީހުންގެ ހާލު ސީރިއަސް ކަމަށާއި ބާކީތިބި، 3,403,917 މީހުންގެ އާދައިގެ ގޮތެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓް ކުރެއެވެ.
ކޮވިޑް-19 ޖެހިފައިވާ ބަލިމީހުންތިބި ގައުމުތަކަށް ބަލައިލާއިރު މިބަލި އެންމެ ގިނަ އަދަދަކަށް މިހާތަނަށް ޖެހިފައިތިބި މީހުން ތިބީ އެމެރިކާގައެވެ. މިގޮތުން ކޮވިޑް-19 އަށް އެމެރިކާގައި 2,169,984 މީހުންވަނީ ޕޮޒިޓިވުވެފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް މިބައްޔަށް ޕޮޒިޓިވުވި މީހުންތިބީ ބްރެޒިލްގައެވެ. މިގޮތުން ބްރެޒިލްގައި 869,956 މީހުން މިބައްޔަށް ޕޮޒިޓިވުވެފައި އެބަތިއްބެވެ. މިލިސްޓުގެ ތިންވަނައިގައި އޮތް ރަޝިޔާގައި ކޮވިޑް-19 އަށް ޕޮސިޓިވުވެފައިވަނީ 537,210 މީހުންނެވެ.
މުޅިދުނިޔެއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާގައި މިހާތަނަށްވަނީ 117,951 މީހުންވަނީ މަރުވެފައެވެ. މަރު ލިސްޓުގެ ދެވަނައިގައި އޮތް ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 43,396 މީހުންނެވެ. އަދި މަރު ލިސްޓުގެ ތިންވަނައިގައި އޮތް ޔޫކޭ އިން މަރުވެފައިވަނީ 41,736 މީހުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ދުނިޔޭގެ އެންމެހާ ގައުމުތަކަށް އިލްތިމާސް ކޮށްފައިވަނީ މިބަލިން ރައްކާތެރިވުމަށް އަވަސް ހަރުދަނާ ފިޔަވަޅުތައް އެޅުމަށެވެ. މިބައްޔާއިމެދު ފަރުވާކުޑަ ކޮށްލެވިއްޖެނަމަ މިބައްޔަކީ އެތައް ބަޔެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެފަދަ ބައްޔެއް ކަމަށްވެސް ޑަބުލިޔުއެޗްއޯ އިން ވިދާޅުވެއެވެ.




