ލަންޑަނުގައި ޕާކިސްތާނުގެ ސިޔާސީ ވެރިއެއް މަރާލިކަމުގެ ކުއް ސާބިތުވެ ތިންމީހަކު އުމުރު ދުވަހަށް ޖަލައްލާން ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޕާކިސްތާނުގެ މުއްތަހިދާ ގައުމީ މޫވްމެންޓު ޕާޓީގެ އިސް ސިޔާސީ ލީޑަރެއް ކަމަށްވާ ޑރ. އިމްރާން ފާރޫގަށް ވަޅިން ހަމަލާދީ 2010 ވަނަ އަހަރު ލަންޑަނުގައި މަރާލި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފައިވަނީ މުއްތަހިދާ ގައުމީ މޫވްމެންޓުގެ ތިން މެންބަރުންގެ މައްޗަށެވެ.
އުމުރުން 50 އަހަރުގެ އިމްރާން ފާރޫގު މަރާލައިފައިވަނީ ލަންޑަނުގައި އޭނާ ދިރިއުޅޭ ގޭކުރިމަތީ ހުއްޓައި 16 ސެޕްޓެމްޕަރ 2010 ވަނަ އަހަރު ވަޅިން ހަމަލާދީއެވެ. މި ހަމަލާގައި އިމްރާން ފާރޫގުގެ ގައިގެ ގިނަ ތަނަކަށް ވަޅި ހަރައިފައިވާއިރު ބޮލަށްވެސްވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އިމްރާން ފާރޫގަކީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގެ ލަންޑަނުގައި ދިރިއުޅުއްވާތާ 10 އަހަރަށްވުރެ ގިނަ އަހަރު ވެފައިވާ ބޭފުޅެކެވެ.
ޕާކިސްތާނުގެ ކޯޓުން ތިންމީހަކުގެ މައްޗަށް އުމުރު ދުވަހަށް ޖަލު ހުކުމް އިއްވައި އިމްރާން ފާރޫގުގެ އާއިލާއަށް އޭގެން ކޮންމެ މީހަކު އެއްމިލިއަން ރުޕީސް ދިނުމަށްވެސް އަމުރު ކޮށްފައެވެ.




