"ޖުނެޓީންތް" އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ނިއުޔޯކު ސިޓީން ކަނޑައަޅައިފި

ޖުނެޓީންތް ނުވަތަ އެެމެރިކާގައި އަޅުން ގެންގުޅުން ހުއްޓުނު ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ޖޫންމަހުގެ 19 ވަނަ ދުވަހަކީ ނިއުޔޯކު ސިޓީގައި ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އެސިޓީގެ މޭޔަރ ބިލް ޑި ބުލާސިއޯ ކަނޑައަޅުއްވައިފިއެވެ.

ނިއުޔޯކު ސިޓީގެ މޭޔަރ މިގޮތަށް ކަނޑައެޅުއްވިކަން ހާމަކޮށްފައި މިވަނީ ގިނަ އަދަދެއްގެ ބަޔަކު މިދުވަސް ފާހަގަ ކުރުމަށް ތައްޔާރުވަމުން އަންނަނި ކޮށެވެ. އެމެރިކާގެ އެންމެ ފަހު އަޅު މީހާ މިނިވަން ވެފައިވަނީ 1865 ވަނަ އަހަރުގެ ޖޫންމަހުގެ 19 ވީ ހުކުރު ދުވަހުއެވެ.

މިދުވަސް މިހާރުވެސް އެމެރިކާގެ ބަޔެއް ސްޓޭޓުތަކުން ފާހަގަ ކުރަމުން އަންނަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައެވެ. މިދުވަހަކީ ގައުމީ ގޮތުން ފާހަގަ ކުރާ ދުވަހަކަށް ހެދުމަށް ގިނަ ބަޔަކު މިހާރު އަންނަނީ ގޮވާލަމުންނެވެ.

ނިއުޔޯކު ސިޓީގެ މޭޔަރު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ، ޖޫން 19 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން އެ ސިޓީގައި ފާހަގަ ކުރާނެ ކަމަށާއި އަދި މިދުވަހު ސްކޫލްތައްވެސް ބަންދުވާނެ ކަމަށެވެ.

މިދުވަސްވަރަކީ މުޅި އެމެރިކާގައިވެސް ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް އަޑުއުފުލާ މުޒާހަރާކުރަމުންދާ ދުވަސްވަރެކެވެ. މިއާއެކު ޖުނެޓީންތް ދުވަހުގެ މުހިންމު ކަމާއި އެދުވަސް ގައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށް ގޮވާލާ އަޑުތައްވެސްވަނީ އިތުރުވެގެން ގޮސްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕްވެސްވަނީ މިދުވަހާއި ދިމާކޮށް ބާއްވަން އޮތް ކެމްޕެއިން ބަޔެއް ހަރަކާތްތައްވެސް މިހާރު ފަސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ