މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އުފައްދާފައިވާ، މަރު ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލާފައިނުވާނެކަމުގައި އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ލިއުމުން އެންގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަޙުޤީޤު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބާއި އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދަންނަވާފައިވާނެކަމަށެވެ.
އެ ކޮމިޝަނުން މިހެން ވިދާޅުވެފައި މިވަނީ އެ ކޮމިޝަންގެ މަސައްކަތް ހުއްޓާލާފައި ވާކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ގެނެސްދިނުމައި ގުޅިގެންނެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝިދުވެސް ވިދާޅުވެފައިވަނީ މަރު ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގައި އިތުރަށް ހެކި ހޯދެން ނެތް ކަަމަށާއި، ދެން މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އެކޮމިޝަނުން ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް އެކޮމިޝަނުން ވިދާޅުވެފައިވަނީ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ދަންނަވާފައި ނުވާނެކަމަށެވެ.
މަރު ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ކޮމިޝަންގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ.




