މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ކ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ.
މިއަދުގެ މެންދުރުފަހު 13:30 ން ހަވީރު 17:00 އަށް ނެރެފައިވާ މިވައިޓް އެލާރޓްގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
ކުރިއަށް އޮތްވަަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކުގައި އިރުދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
"ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވާނެ، އުތުރާއި މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް މަޑު ވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.




