އެމެރިކާގައި ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 3 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލައިލާއިރު، އެމެރިކާގައި ކޮވިޑް-19 އަށް 3,004,255 މީހަކުވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 132,682 މީހުން އެމެރިކާގައި މަރުވެފައިވާއިރު، ފަރުވާކުރެވި ބަލިން ރަނގަޅުވެފައިވަނީ 1,295,042 މީހުންނެވެ.
ކޮވިޑް-19 ޖެހިގެން އެމެރިކާގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 15,990 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އެޤައުމަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.
ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާރު 538,291 މީހުން މަރުވެފައިވާއިރު މިބައްޔަށް 11,642,113 މީހުން ވަނީ މުޅި ދުނިޔެއިން ޕޮޒިޓިވް ވެފައެވެ. މިބަލި ޖެހުމަށްފަހު މިހާތަނަށް ޖުމްލަ ރަނގަޅުވެފައި ވަނީ 6,589,216 މީހުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބުލިޔުއެޗްއޯ އިން ދުނިޔޭގެ އެންމެހާ ގައުމުތަކަށް އިލްތިމާސް ކޮށްފައިވަނީ މިބަލިން ރައްކާތެރިވުމަށް އަވަސް ހަރުދަނާ ފިޔަވަޅުތައް އެޅުމަށެވެ. މިބައްޔާއިމެދު ފަރުވާކުޑަ ކޮށްލެވިއްޖެނަމަ މިބައްޔަކީ އެތައް ބަޔެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެފަދަ ބައްޔެއް ކަމަށްވެސް ޑަބުލިޔުއެޗްއޯ އިން ވިދާޅުވެއެވެ.



