ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ އިން އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ދެންމެ ނެރެފައިވާ އެލާޓްގައި ވިދާޅުވެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދު 13:00 އިން ފެށިގެން ހަވީރު 18:00 އާއި ދެމެދު އުދައަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. މެޓް އޮފީހުން ވިދާޅުވެފައި ވަނީ ރާޅުގެ އުސްމިން އުޅޭނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައި ކަމަށެވެ.
އިއްޔެ ވެސް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް އުދަ އަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފައެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާކަމަށެވެ. ދެކުނުގެ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އެހެން ހިސާބު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމުގައިވެސް މެޓް އޮފީހުން ވިދާޅުވެފއިވެއެވެ.



