ދާދިފަހަން ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރަޖްޕޫތުގެ އެންމެ ފަހުގެ ފިލްމް “ދިލް ބެޗާރާ”ގެ ޓްރެއިލާ މީގެ ދެ ދުވަސް ކުރިން ދައްކާލައިފައިވާއިރު، މި ޓްރެއިލާއަށް ވަރަށް ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން 1 ދުވަސް ތެރޭގައި މި ފިލްމްގެ ޓްރެއިލާ 37 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.
މީގެ އިތުރުން، މިއީ މިހާތަނަށް 24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބްގައި އެންމެ ގިނަ ލައިކް ހޯދި ޓްރެއިލާވެސްމެއެވެ. އެއާއެކު، މި ފިލްމް ގެ ޓްރެއިލާއިން މި ވަނީ، ހޮލީވުޑްގެ މަޝްހޫރު ފިލްމް "އެވެންޖާސް: އެންޑްގޭމް" ވެސް ފަހަތަށް ޖައްސާލައިފައެވެ.
މިދިޔަ ހޯމަ ދުވަހު މި ފިލްމްގެ ޓްރެއިލާ ނުކުތުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 4.3 މިލިއަން ލައިކްސް ޔޫޓިއުބުގައި ލިބިފައިވެއެވެ. މިއީ، "ފޮކްސް ސްޓާ ހިންދީ" ގެ ޔޫޓިއުބް ޗެނަލްގައި ރިލީޒްކޮށްފައިވާ ފިލްމްގެ ޓްރެއިލާއެވެ. އަދި މިއީ މަޝްހޫރު މާވެލް ފިލްމް ތަކުގެ ތެރެއިން "އެވެންޖާސް: އިންފިނިޓީ ވާ" އަދި "އެވެންޖާސް: އެންޑްގޭމް" ގެ އޮފިޝަލް ޓްރެއިލާއަށް 24 ގަޑިއިރުގެ ތެރޭގައި ލިބުނު ލައިކްގެ އަދަދަށްވުރެވެސް ގިނަ އަދަދެކެވެ.
ދިލް ބޭޗރާ” އަކީ، 2014 ވަނަ އަހަރު ނުކުތް ކާމިޔާބު ހޮލީވުޑްގެ ލޯބީގެ ފިލްމް “ދަ ފައުލްޓް އިން އަވާ ސްޓާ” ގެ ހިންދީ ރީމޭކެކެވެ. މި ފިލްމްގެ ފިރިހެން ލީޑުން ސުޝާންތް ފެނިގެންދާއިރު، އަންހެން ލީޑުން ފެނިގެންދަނީ، ސަންޖަނާ ސާންގީ އެވެ.
މި ފިލްމްގައި ކިޔައިދެނީ، ކެންސަރާއި ހަނގުރާމަ ކުރަމުންދާ ދެ ލޯބިވެރިންގެ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. އެގޮތުން މި ފިލްމްގައި ސުޝާންތް އަދާކުރާނީ، ކެންސަރާއި ހަނގުރާމަކުރަމުންދާ މީހެއްގެ ރޯލުންނެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ، މުކޭޝް ޗައްބުރާއެވެ.
ސުޝާންތްގެ މަރާއެކު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ، މި ފިލްމަށް ވާއިރު، ގިނަ ބަޔަކު ވަނީ މި ފިލްމް އަވަހަށް ސިނަމާތަކުގައި އެޅުވުމަށް އެދިފައެވެ. އެއާއެކު، މި ފިލްމް ވެގެންދާނީ، މިއަހަރު ސިނަމާގައި އެޅުވޭ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
.




