ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ގެ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުންނަށް ހުށައަޅަފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ އޯޑިއޯއެއް މީސްމީޑިއާގައި ދައުވާން ފަށާފައިވާއިރު، ފުލުހުން ވިދާޅުވެފައިވަނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައި ނުވާކަމަށާއި، ނަަމަވެސް ދައުރުވަމުންދާ އޯޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
"އޯޑިއޯގެ ޞައްޙަކަން ބެލުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން" ފުލުހުން ވިދާޅުވެފައިވެއެވެ.
ލީކްވެފައިވާ އޯޑިއޯގައި ވާހަކަދައްކާ އަންހެން މީހާ ބުނާ ގޮތުގައި އޭނާ އާއި މިނިސްޓަރު އިމްރާނާއި ފޭސްބުކްއިން ބައްދަލުވެ ރަނގަޅު ދުޢާއެއް އޮންނާނެ ކަމަށް ބުނެ ވާހަކަދައްކަން ފެށި ކަމަށާއި އޭގެ ފަހުން އިސްތިހާރާ ނަމާދު ކުރަން އެނގޭތޯ ސުވާލުކުރުމަށްފަހު ޕާޓީގެ އޮފީހަށް ގެންދިޔަކަމަށް ބުނެފައިވެއެވެ. ޕާޓީގެ އޮފީހަށް ގެންދިޔުމަށްފަހު އުރަމަތީގައި ހިފައި ތަދުކޮށް ދޮންދީފައިވާކަމަށާއި މިއީ ފުރަތަމަ މަރުހަލާ ކަމަށާއި ދެން އޮތް މަރުހަލާވެސް ކިޔައިދޭނެ ކަމަށް ބުނެފައިވެއެވެ.
ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް މި ދުވަސްކޮޅު ވަނީ ފެންމަތިވެފައެވެ. އަދި މި ފަދަ މައްސަލައެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުން ޢަލީ ވަހިދު ވަނީ ވަކިވެސް ކޮށްފައެވެ.



