މީޑިއާތަކާއި މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ އިދިކޮޅުން މުޒާހަރާ ކުރުމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) އެކަމަށް ރައްދު ދެއްވައިފިއެވެ.
ވައްޑޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރެކޯޑް އަދަދަކަށް ނޫސްވެރިން ހައްޔަރުކޮށް، މީޑިޔާތައް ޖުރިމަނާކޮށް، މީޑިޔާތައް ބަންދުކޮށް، ޓީވީ ސްޓޭޝަނެއްގައި ހުޅުޖަހައި، އަބުރޭ ކިޔައި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބާރު ކަނޑުވާލައި، އެއްވެއުޅުން މަނާކޮށް ހެދި މީހުން މިއަދު ނުކުމެ މީޑިޔާގެ ދިފާއުގައި އެބަ މުޒާހަރާކުރެޔޯ ކިޔާތީ އަޑުއިވޭކަމަށެވެ.
މީޑިއާތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފައި މިވަނީ ދާދި ފަހުން ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ މީޑިއާތަކުން ގެނެސްދީފައިވާ ގޮތް ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މީޑިއާ ކައުންސިލަށާއި ބްރޯޑްކޮމްއަށް އަންގާފައި ވަނިކޮށެވެ.
މިކަމާއި ގުޅިގެން ޗެނެލް 13 އިން މި މައްސަލަ ގެނެސް ދީފައިވާ ގޮތް ބްރޯޑްކޮމް އިން ވަނީ ބަލަން ފަށާފައެވެ.
އިދިކޮޅުން ވަނީ ސަރުކާރުގެ މީޑިއާ މިނިވަން ކުރުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން ދަޢުލަތުގެ މީޑިއާ އިން ކުރީގެ ރައީސް ޔާމީންގެ އަބުރު ކަތިލަމުންދާކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަން ކުރިމަތީގައި އިދކޮޅުން ބޭއްވި މި މުޒާހަރާގައި ވަނީ އެކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އިސްތިއުފާ ދެއްވުމަށްވެސް ގޮވާލައްވާފައެވެ.




