ރާއްޖޭން ބެރުން އައިސް މާލޭގައި ތިބޭ މީހުން ގޭގައި 14 ދުވަސް ވަންދެން އަމިއްލައަށް ގޭގައި އެކަހެރި ވެގެން ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިލައްވައިފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރެފައިވާ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީން ވުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުޞޫލުގައި ބުނެފައިވަނީ އެހެން ޤައުމުތަކުން ރާއްޖެ އަންނަ ދިވެހިންނާއި، ވޯކް ޕާމިޓްގައި ރާއްޖެ އަންނަ މީހުންނާއި އަދި ޑިޕެންޑެންޓުން 14 ދުވަސް ވަންދެން ސެލްފް ކަރަންޓީންގައި ތިބުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރުން ބޭނުންތެރި ކަމެއް ކަމަށެވެ.
އެ އުޞޫލުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ މީހުން މާލޭގައި ގޭގައި ކަރަންޓީން ވުމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޗްޕީއިން އިލްތިމާސް ކުރާ ކަމެއް ކަމެއް ކަމަށާއި މި ގޮތަށް ކަރަންޓީން ވުމަށް ކަނޑައަޅާނީ އެމީހަކު އަމިއްލައަށް ކަމަށެވެ. އަދި ކަރަންޓީންވެ ހުރިކަން އެހެން ފަރާތަކަށް ހުށައަޅަންޖެހޭނަމަ ކަރަންޓީންވެ ހުރި މުއްދަތާއި އިތުރު މަޢުލޫމާތު ހުށައެޅުމުން އެޗްޕީއޭ އިން އެކަމަށް މަގުފަހި ކޮށްދޭނެ ކަމުގަައިވެސް އެ އުޞޫލުގައި ވަނީ ބުނެފައެވެ.
އުޞޫލުގައި ދެންނެވިފައިވާ ފަދައިން މާލޭގައި އަމިއްލައަށް ގޭގައި ކަރަންޓީން ވުމުގައި އެމީހުން އަމިއްލައަށް ހާލު ބަލަމުން ގެންދިއުމާއި ސިއްޙީ އެހީތެރިކަމެއް ބެނުންވާނަމަ އެކަން ރިޕޯޓް ކުރުމަށް ވަނީ އަންގާފައެވެ. އަދި އަބަދުވެސް ރައްކާތެރިވުމުގެ އެންމެހާ ފިޔަވަޅުތައް އަޅަންވާނެ ކަމަށާއި "ހާލުބެލުން" ޕޯޓަލްގައި ރަޖިސްޓްރީވުން އެދެވިގެން ވާކަމަގައިވެސް އެ އުޞޫލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފްލޫކްލިނިކަށް ދިއުމަށާއި ދަތުރުކުރި ކަމުގެ މަޢުލޫމާތާއި ގޭގައި ކަރަންޓީން ވެގެން ހުރި މީހެއްކަމުގެ މަޢުލޫމާތު ފްލޫކްލިނިކަށް އެންގުމަށް ވަނީ އެދިފައެވެ. އަދި ކަރަންޓީންގެ މުއްދަތު ހަމަވުމުން ފްލޫ ކްލިނިކަން ގޮސް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ކަމުގައިވެސް މި އުޞޫލުގައި ބުނެފައިވެއެވެ.



