ރައްޔިތުންނަށް ވެފައިވާ ވަޢުދާ އެއްގޮތަށް ޤާނޫނުތައް އިޞްލާޙުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ޤާނޫނުތައް އަވަހަށް އިޞްލާޙުކޮށްދެއްވުމަށް ކުރީގެ ރާއްޖޭގެ ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރއެމް) އިން ގޮވާލައިފިއެވެ.
ޤާނޫނު ނަންބަރު 1/2013 (ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނު) އަށް 2016 ވަނަ އަހަރު ގެނެވުނު އިޞްލާޙަކީ އެމް.އާރް.އެމް އިން ޤަބޫލުކުރާ އުޞޫލުތަކާ ޚިލާފު އަދި ޤާނޫނު އަސާސީއާއި ތަޢާރުޒުވާ އިސްލާޙެއް ކަމަށާއި އަދި މިއީ ޤާނޫނުއަސާސީން ދީފައިވާ ޙައްޤެއް އުނިކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެމްއާރއެމް އިން ވިދާޅުވިއެވެ.
އެހެންކަމުން، މިކަމާ ދެކޮޅަށް އޭރުވެސް ވާނީ ފާޅުގައި ވަކާލާތު ކޮށްފައި ކަމަށާއި ހަމައެއާއެކު މިކަމާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރެއްގެ ގޮނޑިތައް ގެއްލިގެން ދިޔަކަމީވެސް ރައްޔިތުން ދަންނަ ހަޤީޤަތެއް ކަމަށް އެމްއާރއެމް އިން ވިދާޅުވިއެވެ.
"އަޅުގަނޑެމެން އެންމެން ކުރި އިޞްލާޙީ މަސައްކަތުގައި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް މުރާޖާކޮށް، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޤާނޫނުއަސާސީއަށް އޭރުގެ ސަރުކާރުން ގެންނެވި ބަދަލުތައް އިޞްލާޙު ކުރުމަށް އަޅުގަނޑުމެން ވާނީ އެއްބަސްވެފައެވެ. އެގޮތުން ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް ގެނެވުނު 1 ވަނަ އިޞްލާޙު އުވާލާއި، އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ދިނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށް ވާނީ އެއްބަސްވެފައެވެ." އެމްއާރއެމް އިން ވިދާޅުވިއެވެ.
މިކަން މިހެން އޮތް ނަމަވެސް މިއަދު ފެނިގެން މިދަނީ އެންމެން ތާއީދު ކޮށްގެން ގެނައި ސަރުކާރުގެ ހޯމް މިނިސްޓްރީން ނެރުނު އިޢުލާން (ނަންބަރު: (IUL)10-MP/10/2020/36) އިން، ކުރީގައި އަޅުގަނޑުމެން ބަދަލުކުރަން ޖެހޭކަމަށް އެއްބަސްވި ޤާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއް ހަނިކުރެވިގެންދާ މަންޒަރު ކަމަށްވެސް އެމްއާރއެމް އިން ވިދާޅުވިއެވެ. އަދި މިގޮތަށް މަސައްކަތްތައް ކުރުމުގެ ފުރުޞަތު ލިބިގެން މިދަނީ، ޤާނޫނުތައް ހެދުމާއި، ޤާނޫނުތައް އިސްލާހުކުރުމުގެ ޒިންމާ ހަވާލުކުރެވިފައި ތިއްބެވި ފަރާތްތަކުން ފުރިހަމަ ގޮތުގައި އެޒިންމާ އަދާކުރެވިފައި ނުވާތީ ކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެމްއާރއެމް އިން ވިދާޅުވީ މިކަމަކީ އަދުގެ ސަރުކާރުގައި ހިމެނިވަޑައިންނަވާ ބޭފުޅުންވެސް، މިއީ ޤާނޫނުއަސާސީގެ ވަރަށް މުހިންމު މާއްދާއަކާ ކަނޑައެޅިގެން ޚިލާފުވާކަމަކަށްވާތީ، މިކަމާ ދެކޮޅަށް ބަސްވިދާޅުވެ، ވަކާލާތު ކުރައްވާފައިވާ ކަމެކެވެ. އަދި ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުނުކަމަށް ވާނީ ރައްޔިތުންނާ ގުޅުންހުރި ޤާނޫނުތައް ބަދަލުކުރެވި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރެވި، ޤާނޫނުއަސާސީން ރައްޔިތުންނަށް އިންސާފު ލިބުމުން ކަމަށާއި އެހެންކަމުން، ރައްޔިތުންނަށް ވެފައިވާ ވަޢުދާ އެއްގޮތަށް ޤާނޫނުތައް އިޞްލާޙުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ޤާނޫނުތައް އަވަހަށް އިޞްލާޙުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އެމް.އާރް.އެމް އިން ގޮވާލާފައިވެއެވެ.



