ފޮޓޯ: ސޯޝަލް މީޑިއާ

އެ ދުވަހު ދިވެހިން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެއް- އެމްއާރްއެމް

ސުނާމީ ކާރިސާއާ ގުޅިގެން އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަ ކަމެއްކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވިދާޅުވެއްޖެއެވެ.

ސުނާމީގެ އެ ބިރުވެރި ވަގުތު އަޅުގަނޑުމެންނަށް ކުރިމަތިވިއިރު، މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމްގައި ހުންނެވި އަލްއުސްތާޛު މަޢުމޫން ޢަބުދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި އެމްއާރުއެމް އިން އެ ހާދިސާއަށް ސޯޅަ އަހަރު ފުރުމާއި ދިމާކޮށް މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދަކީ ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސްކަމަށާއި މި ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގައިދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންކަމަށެވެ.

"އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެކެވެ. "ދިވެހި ރާއްޖޭގެ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް" ފާހަގަކުރަނީ، އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށެވެ" އެމްއާރްއެމް އިން ވިދާޅުވިއެވެ.

މި ފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހިރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަން ޖެހޭކަމަށާއި އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަންކަމަށް އެމްއާރްއެމް އިން ވިދާޅުވިއެވެ.

ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެގޮތުން، ކޮވިޑް-19 ގެ މިހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދެއްވާފައިވަނީ ޤައުމީ އެއްބައިވަންތަކަމެވެ. އަދި ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކާމާއެކު، އަޅުގަނޑުމެން ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާގައި މިދުނިޔެ ދޫކުރި ދިވެހީންނާއި ގެއްލުނު ދިވެހީންގެ ޖުމްލަ ޢަދަދު 108 އަށް އަރައެވެ.

އެމްއާރްއެމް އިން ވަނީ އެދުވަހު އެ ހިތާމަވެރި ކާރިސާ ގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲ ހަޟްރަތުގައި ދުޢާ ދަންނަވައި އެ ލޮބުވެތި އަޚުންނާއި އުޚުތުންގެ އާއިލާ ތަކަށް ތަޢުޒިޔާ ދަންނަވާފައެވެ.

"މާތް ﷲ، ދިވެހިރާއްޖެއަށް، އަމަން އަމާން ކަމާއި، ކުރިއެރުން މިންވަރު ކުރައްވާށި! އަދި މިފަދަ ނުރައްކާތެރި ބިރުވެރި ހާދިސާތަކުން ދިވެހި ޤައުމާއި ދިވެހި ލޮބުވެތި ރައްޔިތުން ސަލާމަތް ކުރައްވާށި! ދިވެހި ރައްޔިތުން މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބެ ސުލްޙަ ވެރިކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅެމުން ގެންދިޔުމަށް މަގު ފަހިވާ ފަދަ މިނިވަން އިންސާފުވެރި ޑިމޮކްރެޓިކް ވެށްޓެއް ޤާއިމް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން" އެމްއާރްއެމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ